ﷲގެ ކޯފާއަށް އަދިވެސް ބިރުވެތިވާކަށް ނުވޭހެއްޔެވެ؟
ލިޔުނީ: އިބްރާހިމް މަބްރޫކް
ފަހަކަށްއައިސް އަޅުގަނޑުމެންނަށް އިވެމުންދާ އަޑަކީ މުސީބާތްތައް ތަކުރާރުކަމާއެކީ އަންނަވާހަކައިގެ އަޑެވެ. ނަމަވެސް ދަންނަވަންތޯއެވެ. މި މުސީބާތްތަކާއި ކާރިސާތަކަކީ ހަމަ ޔަޤީނުންވެސް އަހަރަމެން އަމިއްލައަތުންކޮށްފައިވާ އަމަލުތަކުގެ ޖަޒާކަން ކަށަވަރެވެ. ﷲ މިކަމަށް އިޝާރާތް ކުރައްވާ ވަޚީ ކުރައްވަނީ” ހަމަކަށަވަރުން، ބަޔަކުމީހުންގެ حالة އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، اللَّه، އެ حالة ބަދަލެއް ނުކުރައްވާނެތެވެ. ” މި ބަސްފުޅުގެ މަތިވެރިކަމާއެވެ. މިއަދު އަޅުގަނޑުމެންނަށް މި ފެންނަމުންދަނީ އަޅުގަނޑުމެންގެ އަމަލާއި ގުޅުން ،ބަދަލު ކުރުމުގެ ނަތީޖާއެވެ. ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ބަދަލުގައި ހަވާނަފްސުގެ އެދުންތަކަށާއި ގޮވުންތަކަށް އިޖާބަ ދިނުމުގެ ނަތީޖާއެވެ. އާޚިރަތްދޫކޮށްލާ ދުނިޔަވީ އެދުންތަކަށް ތަބާވުމުގެ ނަތީޖާއެވެ.
ދާދިފަހަކުން އަޅުގަނޑުމެން އެންމެންގެ ހިތްތައް ސިއްސުވާލީ ޖަޕާނުގެ ތާރީޚުގައިފަހަކަށްއައިސް އެ ޤައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމުގެ ވާހަކައިންނެވެ. ޤާފިލްކަންމަތީގެ ނިދީގެ މަސްތުގައި ތިއްބާ ގަދަފަދަވެގެންވާ ބިންހެލުމުންނާއި ސުނާމީއިން މުޅި ދުނިޔެއަށް ސިހުންގެނެސްދިނީ މި ބޮޑު މުސީބާތުންނެވެ. އަދި މިކަމުގެ ސަބަބުން އެތަކެއް ބަޔެއްގެ ފުރާނަ ވަނީ ﷲގެ ހަސްރަތަށް ގެންދެވިފައެވެ. އޭ ލޮބުވެތި ކިޔުންތެރިންނޭވެ! މިކަމަކީ ހަމަ އެކަނި އައި މުސީބާތެކޭ ކިޔާފައި ދޫކޮށްލެވޭނެކަމެއްހެއްޔެ.؟ ޝައްކެތްނެތް ގޮތުގައި މިއީ ކަނޑައެޅިގެންވާ މަތިވެރިވަންތަ ޖައްބާރުވަންތަ މާތް ﷲގެ ކޯފާއެވެ. ހަމަޔަޤީނުންވެސް އެކަނލާގެ ހިއްޕަވާހިއްޕެވުމަކީ ގަދަފަދަވެގެންވާ ހިއްޕެވުމެކެވެ.
އޭ އަޚާއެވެ! ތިބާ ހަނދުމަކުރާށެވެ. މާތް ﷲ މީގެ ކުރީގެ އުއްމަތްތައް ހަލާކު ކުރެއްވި ގޮތް ހަނދާނަށް ގެނެސްބަލާށެވެ. ސަމޫދު ބާޤާގެ މީހުންނެތިކުރެއްވީ ކިހިނެއްކަމާމެދު ވިސްނަވާށެވެ. އާދު ބާޤާގެ މީހުންނަށް ވީ ކިހިނެއްހެއްޔެވެ؟ ވިސްނާ ފިކުރުކުރާށެވެ. އޭރުން ތިބާ އަށް އިބްރަތް ހާސިލްވާނެކަން ކަށަވަރެވެ.އަދި މިކަން ކަމުގައި ވިސްނާ ފިކުރުކުރާ މީހުންނަށް ގިނަ ގުނަ އިބްރަތްތަށް ވާކަން ކަށަވަރެވެ. ދަންނާށެވެ. ކިތަށްމެ އާރާބާރުހުއްޓަސް ﷲގެ ކޯފާއިން ސަލާމަތެއްނުވެވޭނެއެވެ. ވެވޭނެނަމަ ފިރިއައުނާއި އޭނާގެ އަޢުވާނުން ސަލާމަތްވީހެވެ. ޤާރޫނާއި އޭނާގެ އަޢުވާނުންވެސް ސަލާމަތްވީހެވެ.
އޭ އަޚާއެވެ! ބިންހެލުންތައް ގިނަވުމަކީ ޤިޔާމަތްވުމުގެ އަލާމަތްތަކުގެތެރޭގައި ހިމެނޭ ކަމެއްކަން ﷲގެ ވަޙީ ބަސްފުޅުތަކުންނާއި މާތް ރަސޫލާ ގެ ބަސްފުޅުތަކުން އެއްވެސް އޮޅުމެއްނެތި ހާމަވެއެވެ. އަދި މިއަދު މީހުންގެ އުޅުން ޖަނަވާރުންގެ ދަރަޖައަށް ވެއްޓިގެންދާކަމީ ހަމަޔަޤީނުންވެސް ފަހުޒަމާނަށްއައިސް ހިނގާނެ ޤިޔާމަތްވުމުގެ އަލާމާތްތަކެވެ. މީގެ އިތުރުން ޒިނޭއާއި ޚިޔާނާތާއި އަދި ލަވައާއި މިޔުޒިކު އާއްމުވެ ދެ ޖިންސުގެ މިހުން ގައިގޯޅިވެ އަދި މިނޫނަސް މިފަދަ ފާހިޝް އަމަލުތައް އިތުރުވެގެން ދިއުމަކީވެސް ޤިޔާމަތްވުމުގެ އަލާމާތްތަކެވެ. މިފަދަ އަމަލުތަކަކީ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުން ފެންނަމުންދާ ކަންކަމެވެ.
އަޅުގަނޑުމެން ނެތުމުގެ ތެރެއިން ވުޖޫދަށް ގެއްނެވި އިލާހުގެ މި ވަޙީ ބަސްފުޅު ނިކަން އަޑުއަސްވާށެވެ.” ޤިޔާމަތްވުމުގެ ވަގުތު ކައިރިވެއްޖެއެވެ.” (ސޫރަތުލް ޤަމަރު 1) ހިތްތަކަށް ބިރުވެތިކަންވެރިވެގެން ނުދޭހެއްޔެވެ؟. އާއެކެވެ.ޤިޔާމަތްދުވަސް ދާދިގާތްވެއްޖެއެވެ.އަޅުގަނޑުމެންނަށް ޤިޔާމަތްދުވަހަށް ތައްޔާރުވެވިއްޖެތޯއެވެ. ތިމާގެ އަމިއްލަ ނަފްސާ މި ސުވާލު ކޮށްލާށެވެ. މި އާޔަތާ މެދު ވިސްނާ ފިކުރުކޮށް އުޅުން އިސްލާހުކޮށް އާޚިރަތުގެ ކޮށްތު ލިބިގަތުމަށް އަވަސްވެ ގަންނަމީހަކަށް ހުރި ހެޔޮކަންބޮޑެވެ.
ހަމަޔަޤީނުންވެސް ކޮންމެ ނަފްސަކީ މަރުގެ ރަހަ ދެކޭނެ ނަފްސެކެވެ. އަދި އޭނަ ކުރި ހެޔޮ އަމަލެއްގެ ޖަޒާމެނުވީ އެމީހަކަށްނުވެއެވެ. މިއީ އިލާހީ ޤާނޫނެވެ. ދިރިއުޅުމުގެ ނިޒާމެވެ. އޭ ލޮބުވެތި އަޚުނާއި ،އުޚްތުންނޭވެ! މިއަދު އަޅުގަނޑުމެންނަށް މި ފެންނަ ޤުދުރަތީ މުސީބާތްތަކުން އިބުރަތް ހާސިލްކޮށް، ޙަޔާތުގެ ބަކީއޮތް ދުވަސްކޮޅު ހެޔޮގޮތުގައި ހޭދަކުރުމަށް އަވަހަށް އަޒުމް ކަނޑައަޅާށެވެ. ތިމާ މި ވަގުތުވެސް މި ފަނާވަނިވި ދުނިޔެއިން ވަކިވެ،ﷲގެ ޙަސްރަތަށް ރުޖޫޢަވާންޖެހިދާނެކަން އަބަދުވެސް ދައްނާށެއެވެ. ތިމާއަށް ލިބިފައި މިވަނީ ވަރަށްވެސް ކުޑަ ދުވަސްކޮޅެކެވެ. ތިބާ މި ކުޑަދުވަސްކޮޅު ޤާފިލްކަން މަތީ ހޭދަނުކުރާށެވެ. ކާމިޔާބާއި ފަލާޙު ހުރީ އޭރުންނެވެ. ދާއިމީ އުފަލާއި އަރާމް ލިބޭނީވެސް އޭރުންނެވެ.
ދަންނާށެވެ! މުސްކުޅިވުމުގެ ކުރިން ޒުވާންދުވަސްވަރުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ފަޤީރުވުމުގެ ކުރިން މުއްސަނދިކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ބަލިވުމުގެ ކުރިން ފުރިހަމަ ސިއްޙަތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަވެދިނެތިވުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އޭރުން ތިބާ ވަނީ ހަމަޔަގީނުންވެސް ދެދުނިޔޭގައި އުފަލާ އަރާމު ލިބެނިވި މީހަކަށެވެ. ސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބޭނެ މީހަކަށެވެ. ހަޤީޤީ އުފާލާއި އަރާމު ލިބުމަކީ މިއީ ނޫންތޯއެވެ.

No comments:
Post a Comment