ހިންދޫން އަޅުކަންކުރާ ތަކެތީގެ ނަމުގައި އުފައްދާފައިވާ ދުންފަތް ރާއްޖޭގައި ވިއްކަމުން ދަނީ!
އިބްނު ނޫޙް
އަޅުގަނޑުމެންގެ ތެރޭގައި ދުންފަތް ކައި އަދި އެ ބޮއެ ހަދާ މީހުންނަށް ގަނޭޝް ދުންފަތް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އަދި އެ ބޭނުން ކުރުމުން ލިބޭ ގެއްލުންތައް ވެސް ވަރަށް ރަނގަޅަށް އެމީހުންނަށް އެނގޭނެއެވެ. ނަމަވެސް ޤަނޭޝްއަކީ ކޮބާކަމެއް އަދި އޭގެފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެއް އެބައިމީހުންނަށް އެނގޭނެއެކޭ އަޅުގަނޑު ނުދަންނަވާނަމެވެ.
ކިޔުއްވަމުންގެންދަވާށެވެ. ގަނޭޝްއަކީ ހިންދޫންގެ އެތައްހާސް ކަލާނގެތަކުގެތެރެއިން ކަލާނގެއެކެވެ. އެބައިމީހުން ސިފަކުރާގޮތުންނަމަ އެއީ ކާމިޔާބީ ހޯދައިދޭ ކަލާނގެއެވެ. އިނގިރޭސިބަހުންނަމަ (lord of success) އެވެ. އަދި ނުބައިކަން ނެތިކޮށްލާ ފަރާތެވެ. ޝިވާކަލާނގެއާއި ޕާރުވަތީކަލާނގެދަރި ގަނޭޝް، ސިފަވެގެންދަނީ އެތެއްގެ ސިފައިގައެވެ. އެއީ ބޮޑު ދެކަންފަތާއި ހޮނުގަނޑެއް ދައްކުވައިދޭ މޫނަކާއި، ބޮޑު ބަނޑެއްލާފައިވާ އިންސާނީ ހަށިގަނޑެކެވެ. މިއީ ގަނޭޝްގެ ކުރު ތަޢާރަފެކެވެ.
އެހެނިހެން ދީން ދީނުގެ ޝިޢާރުތައް މިރާއްޖޭގައި ބޭނުންކޮށް އެ އިޝްތިހާރުކުރުމަކީ ރާއްޖޭގެ ޤާނޫނު އަސާސީގައި މަނާކަމެކެވެ. ގަނޭޝްގެ ނަމުގައި އިންޑިއާގައި ތައްޔާރު ކޮށްފައިވާ ދުންފަތް ޕެކެޓެއް ދިވެހި ބާޒާރުގައި ވިއްކަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޕެކެޓުގައި ގަނޭޝްބުދުގެ ކުރެހުމެއްވެސް ޖަހާފައިވެއެވެ. މިކަމާއި އަޅާލާނެ ދިވެހި މުސްލިމަކު މިފަސްގަނޑަކުނެތެވެ. މިކަމާއި އަޅާލާނެ މިނިސްޓްރީއެއްވެސް ނެތެވެ. އިދާރާއެއްވެސް ނެތެވެ. ވެރިއެއްވެސް ނެތެވެ. މިހާރު މިއޮތީ އެމީހަކާއި އެމީހެކެވެ. މިހެން މިވާހަކަ ބުނީމާ، އެންމެ ބުއްދިވެރި މީހާ ވެސް ބުނާނީ، ތިއީދެން އެހާ ބޮޑުކަމެއްހެއްޔެވެ؟..މިހެންނެވެ.
އާއެކެވެ. މިއީ ބޮޑު ކަމެކެވެ. އަޅުގަނޑު ދަންނަވާނީ މިއީ އަޅުގަނޑުމެންގެ އިސްލާމްކަން ފުރިހަމަނުވާކަމުގެ ޢަލާމާތެއްކަމެވެ. ކަނޑައެޅިގެން ސީދާސާފުކޮށް އެނގޭގޮތަށް ހިންދޫން އަޅުކަންކުރާ އެއްޗަކަށް ނިޞްބަތްކޮށް ނަންދީފައިވާ އެއްޗެއް މުސްލިމުން ބޭނުންކުރުމަކީ ހާދަހާވާ ބޮޑު މައްސަލައެކެވެ. އެއީ ކަނޑައެޅިގެން އެމީހެއްގެ އިސްލާމްކަމަށް އޭގެން ބުރޫއަރާނެކަމެއްކަން ޔަޤީނެވެ. މިކަން އެނގޭނީ އާޚިރަތް ދުވަހުންނެވެ. އަދި ނުވިތާކަށް ދުންފަތް އެއީ އޭގެޒާތުގައި ޙަރާމް އެއްޗެއްކަން ހުރިހައި ބޮޑެތި ޢިލްމުވެރިން ވިދާޅުވަމުން ގެންދަވާއިރު އެއެއްޗެއްވެސް މިބޭނުންކުރަނީ އޭގައި އެހެންދީނެއްގެ ޝިޢާރެއް ޖަހައި އަދި ކުރަހާފައި އިންދާއެވެ.
ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަޅުގަނޑުމެން މިތިބީ ކިހިނެއްވެފައިހެއްޔެވެ؟ އަޅުގަނޑުމެން މާތްﷲ ދެއްވި ބުއްދި ބޭނުންނުކުރަނީ އަޅެފަހެ ކީއްވެހެއްޔެވެ؟ އަޅުގަނޑުމެންގެ ބައެއްމީހުންނަށް ހީވަނީ މުސްލިމު ނަމެއް ކިޔާލައިގެން ދެންމިހެން އުޅުނީމައި ރަނގަޅުވާނެ ކަމަށެވެ. އަދި ރަމަޟާންމަސް އައުމުން ދެތިން ނަމާދެއް ކޮށްލީމާ ކުރެވޭ ހުރިހައި ފާފަތަކެއް ފުހެވޭނޭކަމަށެވެ.
ލޮބުވެތި ދިވެހި މުސްލިމުންނޭވެ. އިސްލާމް ކަމަކީ ކޮބާކަމާއި އިސްލާމްކަން ނަފީކުރާ ކަންތައްތައް ދަނެގަންނަން ވެއްޖެއެވެ. ދުނިޔޭގައި މިހެން އުޅެއުޅެ ހުއްޓާ މަރާ ކުރިމަތިލާން ޖެހޭނީ ކުއްލިއަކަށެވެ. އެވަޤުތު ޖެހޭ އިރު އަޅުގަނޑުމެންނަކީ އިސްލާމްކަން އޭގެ އެންމެ ފުރިހަމަ މާނައިގައި ދަނެގަނެ، އެއަށް ޢަމަލުކުރާ ބައެއްކަމުގައި ވަމާތޯއެވެ. އެހެންނޫންނަމަ އަޅުގަނޑުމެންވާނީ އާޚިރަތުގައި އަބާއްޖަވެރިންނަށެވެ.
No comments:
Post a Comment