Showing posts with label ވާހަކަ. Show all posts
Showing posts with label ވާހަކަ. Show all posts

Wednesday, November 16, 2011

ﷲގެ ހަޟްރަތުން ބިލެއް އައިހެއްޔެވެ؟


ގެ ހަޟްރަތުން ބިލެއް އައިހެއްޔެވެ؟
ތަރުޖަމާ: އަޙްމަދު އަސްލަމް
ހޮސްޕިޓަލުގައި ބާއްވާފައި އޮތް ހަތްދިހަ ވަރަކަށް އަހަރުގެ މުސްކުޅި ބޭބެއެކެވެ. މިބޭބޭއަށް ކުޑަކަމުނުދެވޭތީ ޑޮކްޓަރު އެންގީ އޮޕަރޭޝަން ކުރަން ޖެހޭނެކަމަށެވެ. ބޭބެ އެއޮޕަރޭޝަން ކުރަން ޤަބޫލްވެއްޖެއެވެ. އަދި އޮޕަރޭޝަންކޮށް ނިމި ބޭބެ ހޭއަރި ވަގުތު ބޭބެއަށް ވަރަށް ތަދު އިސްސާސްކުރެވެން ފަށައިފިއެވެ.
އިރުކޮޅެއްއްނުވެ ޑޮކްޓަރު މިބޭބެއަށް ފަރުވާކުރުމަށް ޚަރަދުވި ބިލް ހިފައިގެން އަތުވެއްޖެއެވެ. ބޭބެ އެބިލަށް ބަލާލާފައި ރޯންފެށިއެވެ. މިތަން ފެނުމުން ޑޮކްޓަރު ބުންޏެވެ. "ތިވަރު އަގުބޮޑިއްޔާ އަހަރެން ބޭބެއަށް ލާރިދެއްކުމަށް އެހެން ގޮތެއް ވިސްނަފާނަން."
"އަހަރެން މި ރޮނީ މި ބިލްދެއްކޭވަރަށް އަހަރެންގެ އަތުގައި ފައިސާ ނެތީމައެއް ނޫނެވެ. އަހަރެން މި ރޮނީ އަހަރެންގެ އުމުރުން ހަތްދިހަ އަހަރު ވަންދެން އަހަރެނަށް ކުޑަކަމުދެވޭ ގޮތް މެދުވެރި ކުރެއްވި ﷲ އަހަރެންނަކަށް އެއްވެސް ބިލެއް، އަދި އުޖޫރައެއް ދައްކާކަށް ނުޖައްސައެވެ." އެ މުސްކުޅި ބޭބެ ޖަވާބު ދިނެވެ.
ގެ ދީލަތިވަންތަކަމާއިއެވެ. އަހަރެމެންނަށް ދެއްވާފައިވާ ނިއުމަތް ތަކުގެ ގިނަކަމާއިއެވެ. އަހަރެމެންނަކީ އެކަލާނގެ ދެއްވާފައިވާ ނިޢުމަތް ތަކުގެ އަގުވަޒަންކޮށް ގިނަގިނައިން ޝުކުރު ވެރިވާބަޔަކު ކަމުގައި އަޅަމެން ލައްވާށިއެވެ.
"وَإِنْ تَعُدُّوا نِعْمَتَ اللَّهِ لا تُحْصُوهَا إِنَّ الأِنْسَانَ لَظَلُومٌ كَفَّارٌ" (ابراهيم: 34)
"ތިޔަބައިމީހުން ﷲގެ ނިޢުމަތްއައް ގުނާ އަދަދު ކުރާނަމަ، ތިޔަބައިމީހުންނަކަށް އެނިޢުމަތްތައް ގުނާ އަދަދު ނުކުރެވޭ ހުއްޓެވެ. ހަމަކަށަވަރުން އިންސާނާއީ، އަނިޔާވެރިވުން ބޮޑު، ނިޢުމަތްތަކަށް ކުފުރުވެރިވާ، އުރެދުން ބޮޑު މީހެކެވެ." (ސޫރަތު އިބްރާހީމް: 34)
-ނިމުނީ-


Sunday, October 30, 2011

ޞަޙާބީންގެ ކީރިތި ކުރެއްވުން


ޞަޙާބީންގެ ކީރިތި ކުރެއްވުން (رضي الله عنهم)

އުއްމު ޢީޝަލް
އަލް އިރްބާދު އިބްން ޝާރިޔާގެ އަރިހުން ރިވާވެގެންވެއެވެ. "ރަސޫލާ (صلى الله عليه وسلم) ތިމަން ބޭކަލުންނަށް ވަރަށް މާނަފުން އަގުހުރި ނަސޭހަތެއް ދެއްވިއެވެ. އޭގެ ސަބަބުން ތިމަން ބޭކަލުންގެ ހިތްތައް ތުރުތުރު އަޅައިގެން ގޮސް ތިމަން ބޭކަލުންގެ ލޯތަކުން ކަރުނަތައް އޮހޮރިގަތެވެ. އެހެންކަމުން ތިމަން ބޭކަލުން ދެންނެވީމެވެ. "އޭ ﷲގެ ރަސޫލާއެވެ! ތިމަންބޭކަލުންނަށް ހީފުޅުވަނީ ތިދެއްވީ އެންމެ ފަހުގެ ވަދާޢީ ހުތުބާ ހެންނެވެ. އެހެންކަމުން ތިމަން ބޭކަލުންނަށް ނަސޭހަތްތެރިވެ ދެއްވާށެވެ." އެކަލޭގެފާނު (صلى الله عليه وسلم) ހަދީޘް ކުރެއްވިއެވެ."ތިމަންކަލޭގެފާނު ތިޔަބައިމީހުނަށް ﷲ ތަޢާލާއަށް ތަޤުވާވެރިވުމަށް ނަސޭހަތްތެރިވަމެވެ. ހަަބުޝީގެ އަޅަކު ތިޔަބައިމީހުންގެ ވެރިއަކަށް އިސްކުރެވުނު ނަމަވެސް އޭނާގެ އަޑު އަހައި ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ދިގު އުމުރެއްގައި ދެމިހުންނާނެ މީހަކަށް ގިނަ ތަފާތުވުންތަކެއް ފެންނާނެއެވެ. އެހިނދުން ތިމަންކަލޭގެފާނަށާއި، ޞާލިހު ޚަލީފާއިންގެ ސުންނަތުގައި ސާބިތުވެ ތިބުމަށް ތިޔަބައިމީހުންނަށް އުނދަގޫވާނެއެވެ. އެހިނދު ތިޔަބައިމީހުންގެ ކޮލުދަތްތަކުން މީގައި ހިފަހައްޓާށެވެ. އަދި ބިދުޢަތަކުން ރައްކާތެރިވާށެވެ. ހަމަކަށަވަރުން ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ." (އަބޫ ދާވޫދު، އައް ތިރްމިޒީ، އިބްން މާޖާ)
އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. "ރަސޫލާ (صلى الله عليه وسلم) ތިމަންބޭކަލުންނަށް ޚުތުބާއެއް ދެއްވިއެވެ. އެއާއި އެއްފަދަ ދެވަނަ ހުތުބާއެއް ތިމަންބޭކަލުން މީގެކުރިން އަޑެއް ނާހަމެވެ. އެކަލޭގެފާނު (صلى الله عليه وسلم) ހަދީޘް ކުރެއްވިއެވެ. "ތިމަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ތަކެތި ތިޔަބައިމީހުންނަށް އެނގިވަޑައިގަންނަވާނަމަ، ތިޔަބައިމީހުން ގިނައިން ރުއީހެވެ. އަދި މަދުން ނޫނީ ނުހޭނެއެވެ." މިއާއިއެކު ރަސޫލާ (صلى الله عليه وسلم) ގެ ސަހާބީންގެ މޫނުފުޅުތައް ރުއިމާއި ގިސްލުމުން ފޮރުވުނެވެ." (ބުޚާރީ އަދި މުސްލިމް)

Tuesday, March 15, 2011

މަންމައަކު ރޮއްވާލި، ދަރިއެއްގެ ކުރެހުން

މަންމައަކު ރޮއްވާލި، ދަރިއެއްގެ ކުރެހުން!
ތަރުޖަމާ: ނަބީލް
ކުޑަކުޑަ ޢާއިލާއެކެވެ. ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. ދަރީންނަށް އޯގާތެރި މަންމަ އެކެވެ. ދިރިއުޅުމަށްޓަކައި އަވަދިނެތި މަސައްކަތްކުރާ ބައްޕައެކެވެ.
ޢާއިލާގައި ބާކީ ދެން ހުންނަނީ އެންމެ ފަރުދެކެވެ. އެއީ ކުދީންގެ މަންމަގެ މަންމައެވެ. އެހެނަސް ވަރަށް ބަލި މާމައެކެވެ. ގޭގެ އެއްކަނެއްގައި ކުޑަކުޑަ ކޮޓަރިގަނޑެއް މާމައަށް ޚާއްސަކުރެވިފައި ހުރެއެވެ. މާމައަކީ ޢާއިލާއާ ވަކިކޮށްލެވިފައިވާ މީހެއް ކަހަލައެވެ. ކުދީން އެކޮޓަރިއަށް ވައްދާ މާމަ އުފާކޮށްދިނުމެއް ނޯވެއެވެ.
އެއްދުވަހެއްގައި ކުދީންގެ މަންމަ މާމައަށް ކާންދިނުމަށްޓަކައި މާމަގެ ކޮޓަރިއަށް ދަމުން ކުރެހުމުގެ މަސައްކަތެއް ކުދީންނާ ހަވާލުކުރިއެވެ. އެނބުރި އައިރު ކޮންމެ ކުއްޖަކު ވެސް ވަނީ ހަވާލުކުރެވުނު މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައެވެ.
އަންހެން ދަރިފުޅު ކުރަހާފައި ހުރި މަންޒަރު ވަރަށް ވެސް ރީތިވެފައި ލޮލަށް ފަސޭހައެވެ. އެންމެ ބޮޑަށް ހުންނަ ފިރިހެން ކުއްޖާ ކުރަހާފައި ހުރީ ކާރުތަކަކާއި އަދި އެ ނޫންވެސް އެއްޗެއްސެވެ.
މަންމަ ޢަޖައިބުވީ އެންމެ ތުއްތު ދަރިފުޅު ކުރަހާފައި ވާ އެއްޗެހި ފެނިފައެވެ. އޭނާ ކުރަހާފައި ހުރީ ހަތަރެސްކަން ގޮޅިތަކެކެވެ. މަންމަ ވަރަށް ޢަޖައިބުވެފައި ދަރިފުޅާ ސުވާލުކުރިއެވެ. ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު ކުރަހާފައި މިހުރީ ކޮން އެއްޗެއްހެއްޔެވެ؟
ދަރިފުޅު ވަގުތުން ޖަވާބު ދިނެވެ. މިއީ އަހަރެން ބޮޑުވެގެން އަހަންނަށް ލިބޭ ގެ ހަދާނެ ގޮތެވެ. ދެން މަންމަ ވަރަށް ހިނިތުންވެ ހުރެ އަނެއްކާ ވެސް ކުރެހުމަށް ބަލާލިއެވެ. އެހިނދު އެހެން ގޮޅިތަކާއި ވަރަށް ބޮޑަށް އެކަހެރި ކުރެވިފައިވާ ގޮޅިއެއް ފެނުނެވެ. އަދި ދަރިފުޅާ ދެވަނަ ފަހަރަށް ސުވާލުކުރިއެވެ. ލޯބިވާ ދަރިފުޅާއެވެ. ހާދަބޮޑަށް އެހެން ގޮޅިތަކާއި ވަކިކުރެވިފައި މިހުރީ ކޮން ގޮޅިއެއްހެއްޔެވެ؟
ދަރިފުޅު ޖަވާބުދިނެވެ. މިއީ މާމަ ފަދައިން މަންމަ މުސްކުޅިވުމުން މަންމައަށް ޚާއްސަކުރެވިފައިވާ ގޮޅިއެވެ.
މަންމަ އަށް ލިބުނީ ކުއްލި ސިހުމެކެވެ. ފިކުރުބޮޑުވެ ދެކަކޫ މައްޗަށް ތިރިވިއެވެ. އިސާހިތަކު ދެލޮލަށް ޖަމާވި ކަރުނަތައް ހިފެހެއްޓުމެއް ނެތި ކޯތާފަތް މައްޗަށް އޮހެން ފެށިއެވެ.
ދަރީންނަށް ފެންނާނީ ދަރީންނަށް ދެއްކި ނަމޫނާއެކެވެ. ދަރީންގައި ހުންނާނީ އަހަރެމެން ކުރި ތަރުބިއްޔަތެކެވެ. އަހަރެމެންނާ މެދު އަހަރެމެންގެ ދަރީން މިނާނީ އަހަރެމެން އަހަރެމެންގެ މައިބަފައިންނަށް މިނެދިން ނާޅިއަކުންނެވެ.
-ނިމުނީ-

Monday, March 14, 2011

އީމާންކަމުގެ ސަވާރީތަކުގައި

އީމާންކަމުގެ ސަވާރީތަކުގައި...
ތަރުޖަމާ: ނަބީލް
ރިވާވެގެންވެއެވެ. އިބްރާހީމް ބިން އަދްހަމް ރަޙިމަހުﷲ ފައިމަގުގައި ހިންގަވާފައި ކަޢުބަތުﷲ ގެފުޅަށް މައްކާއަށް ދަތުރުކުރައްވަނިކޮށް ޢައުރާބީންގެ މީހަކަށް ފެނިގެން ސުވާލުދެންނެވިއެވެ. (ޢައުރާބީންނަކީ ރަށްފުށު ހިސާބުތަކުގައި ދިރިއުޅޭ މީހުންނެވެ.) މިދިގު ދަތުރަށް ނިކުތް އިރު ތިބާ އަރާނެ ސަވާރީއެއް ނެތްތާނގައި ކާނޭ އެއްޗެއް ވެސް ނުލައި ތިޔަ ނުކުތީ ތިބާއަކީ މޮޔައަކީހެއްޔެވެ؟ އެހިނދު އިބްރާހީމް ބިން އަދްހަމް ވިދާޅުވިއެވެ. އަހަރެންގެ ސަވާރީތައް ގިނައެވެ. ތިބާއަށް ނުފެންނަނީއެވެ. އެމީހާ ދެންނެވިއެވެ. އެއީ ކޮން ސަވާރީއެއްހެއްޔެވެ؟
ވިދާޅުވިއެވެ. ބަލާވެރިކަމެއް ޖެހިއްޖެނަމަ އަހަރެން ސަވާރުވާނީ ކެތްތެރިމަކުގެ ސަވާރީއަށެވެ. ނިޢުމަތެއް ދެއްވައިފިނަމަ ޝުކުރުވެރިވުމުގެ ސަވާރީއަށެވެ. ކަންކަން މާތްރަސްކަލާނގެ ކޮންމެ ގޮތަކަަށް ކަނޑައެޅުއްވި ނަމަވެސް ރުހި ބޯލެނބުމުގެ ސަވާރީއަށެވެ. ނުބައިކަމަކަށް އަހަރެންގެ ހަވާ ނަފުސު ގޮވާލައިފިނަމަ އަހަރެންގެ ޢުމުރުން ވޭތުވެ ދިޔަ ތަނަށް ވުރެ އަންނާން އޮތްބައި ކުރުކަމުގައި އަހަރެން ދަންނާނަމެވެ. ދެން އަޢުރާބީ މީހާ ބުންޏެވެ. ތިބާ މާތްރަސްކަލާނގެ އިޒުނަފުޅާއެކު ކުރިއަށް ވަޑައިގަނަންވާށެވެ. ސަވާރީގައި ހުންނެވީ މާތްކަލޭގެފާނެވެ. ހިނގާފައި މިދަނީ އަހަރެންނެވެ.
-ނިމުނީ-

Sunday, March 6, 2011

އަހަންނަށް މާފުކުރާށެވެ

އަހަންނަށް މާފުކުރާށެވެ!
ތަރުޖަމާ: ނަބީލް
އަހަރެން އަންހެނުންގެ އަތުގައި ބޮސްދިން ހިނދު އޭނާގެ ދެލޯ ކަރުނައިން ފުރުނެވެ. އަދި ކޯތާފަތްމަތި ކަރުނައިން ތެމުނެވެ. އަހަރެން ބުނީމެވެ. އަހަންނަށް މާފުކުރާށެވެ. އަހަނަންނަށް ކުށެއް ކުރެވިއްޖެއެވެ. އަހަރެމެން އެންމެންނަކީ ވެސް އިންސާނުން ނޫންހެއްޔެވެ؟ ފުރިހަމަކަމުގެ ސިފަ ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ އަށް ނޫންހެއްޔެވެ؟ އަހަރެންގެ ޢުޛުރު ޤަބޫލުކުރާށެވެ. ތިބާ ޢަހުދުވެފައިވީ ފަދައިން ވިސްނުންތޫނު ކެތްތެރިއެއްގެ ގޮތުގައި އަބަދުވެސް ހުރެދޭށެވެ!
ދެ ލޮލުން ފޭދެމުން ދިޔަ ކަރުނަތައް ފޮހެލަމުން އޭނާ އަހަންނާ ދިމާލަށް ބަލާލިއެވެ. އަދި ބުންޏެވެ. ތިބާގެ ކުލުނުވެރި ކަމާއިމެދު އަހަރެން މިހިރީ ވަރަށް އުފަލުންނެވެ. އަހަރެން ސަމާސާ ރާގަކަށް ބުނީމެވެ. ތިޔަ ރޮވުނީ އެހެންވެގެން ހެއްޔެވެ؟ އޭނާ ބުންޏެވެ. ނޫނެކެވެ. އަހަރެންނެކޭ އެއްފަދަ އެހެން ބައެއް އަންހެން ކުދީންގެ ފިރީން އެމީހުންނާ މެދު ގޯސްކޮށް ކަންތައް ކުރެވޭ ފަހަރުގައި އެމީހުންގެ ކުށް ގަބޫލުނުކުރާ ތާނގާއި އޯގާތެރިކަމުގެ ލަފުޒެއް ވެސް ނުބުނާ ޚަބަރު ލިބިފައިވާތީ އެކަން ހަނދާންވި ހިނދު ރޮވުނީއެވެ. ހަމަ ތެދެކެވެ. އަހަރެން މިހިރީ ވަރަށް އުފާވެފައެވެ. ތިބާގެ މުޢާމަލާތާ މެދުގައެވެ. ތިޔަ އޯގާތެރިކަމާއި ހަމްދަރުދީއާއި މެދުގައެވެ. އަހަރެންގެ ހިތުގައި އުފާވެރިކަން އުތުރި އަރަމުންދަނީއެވެ. އެ އުފާވެރިކަން ހުރިހާ އަންހެންތަކުންގެ ހިތްތަކަށް ބަހާފައި ވެސް އަދި ބާކީ އޮތް ބައިން އަހަރެން އުފާކުރުމަށް ފުދޭހާ ވެއެވެ.

Friday, March 4, 2011

ކަލާނގެ އަވަހާރަފުޅު ލައްޕަވާފައިހެއްޔެވެ؟

ކަލާނގެ އަވަހާރަފުޅު ލައްޕަވާފައިހެއްޔެވެ؟
ތަރުޖަމާ: ނަބީލް
ރިވާވެގެން ވެއެވެ. ރަށްފުށު ހިސާބުގައި ދިރިއުޅޭ އަންހެނަކާ އަޅައިގަނެގެން އުޅުނު މީހަކު އެއަންހެނާ ސަހަރާތެރެއަށް ނުކުތް ރެއެއްގައި ފަހަތުން ދިޔައެވެ. ތަންކޮޅެއް ދުރަށް ދެވި ދެމީހުން އެކަނިވީހިނދު އޭނާގެ ބޭނުން އެކަމަނާއަށް އިހްސާސްވެގެން ފިރިހެން މީހާއާ ދިމާއަށް އެނބުރިލާފައި ބުނެފިއެވެ. ތިބާ ރަނގަޅަށް ބަލާށެވެ. މީސްތަކުން ހަމަ ރަނގަޅަށް ނިދައިފިހެއްޔެވެ؟ އެހިނދު ފިރިހެން މީހާ އެކަމަނާ އޭނާގެ އެދުމަށް ޖަވާބުދޭން އުޅެނީ ކަމަށް ހީކޮށް ނިކަން އުފަލުން އަވަސް އަވަހަށް ކޮޅުކޮޅަށް ދުވެލާފައި ވަށައިގެން ހޯދާ ބަލާލިއެވެ. މީހެއްގެ ހިލަމެއް ނުވުމާއި އެކު އުފަލުން އައިސް އެކަމާނާއަށް ޚަބަރު ކުރިއެވެ.
އެހިނދު އެކަމަނާ ބުންޏެވެ. މާތް ﷲ އާއި މެދުގައި ބުނަނީ ކީކޭހެއްޔެވެ؟ އެކަލާނގެ ވެސް މިގަޑީގައި ވަނީ އަވަހާރަފުޅުލައްޕަވާފައިހެއްޔެވެ؟ ފިރިހެން މީހާ ޖަވާބުގައި ބުންޏެވެ. ﷲ އީ އަވަހާރަފުޅުލައްޕަވާ ކަލަކު ކަމުގައި ނުވެއެވެ. ދެން އަންހެން މީހާ ބުންޏެވެ. އަވަހާރަފުޅު ނުލައްޕަވާ ފަރާތް ހަމަ ޔަޤީނުން އަހަރެމެން ދެކެ ދެނެވޮޑިގެން ވެއެވެ. މީސްތަކުންނަށް އަހަރެމެން ނުފެނުނު ކަމުގައި ވިޔަސްވެހެވެ. އެކަމަށްޓަކައި އެކަލާނގެއަށް ބިރުވެތިވުން މާ އައުލާކަން ބޮޑެވެ. ދެން ފިރިހެން މީހާގެ ހިތަށް ތަޤްވާވެރިކަން އައިސް ކަލާނގެ ޙަޟްރަަތަށް ރުޖޫޢަވީއެވެ.
-ނިމުނީ-

Saturday, February 26, 2011

ފަހެ އެހެންވީއިރު ﷲ ވޮޑިގެން ނުވަނީހެއްޔެވެ؟

ފަހެ އެހެންވީއިރު ﷲ ވޮޑިގެން ނުވަނީހެއްޔެވެ؟
-ނަބީލް-
ރިވާވެގެންވެޔޭ އެއްދުވަހެއްގައި ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާ އެކަލޭގެފާނުގެ ބައެއް އެކުވެރިންނާއެކު ޞަޙަރާގައި ހިންގަވަމުން ވަޑައިގެން މަދީނާއާ ވަރަށް ގާތް ހިސާބެއްގައި ފަރިއްކުޅުއްވުމަށް ހުރިހާ ބޭކަލުން އިށީނދެވަޑައިގެންނެވިއެވެ. މިހެން ތިއްބަވަނިކޮށް ބަކަރި ހުއިހައްޕަން އުޅޭ ނިކަން ޅަ ޒުވާނަކު އެބޭކަލުންނަށް ފެނިވަޑައިގަތެވެ. އަދި އެޒުވާނާ އެބޭކަލުންނަށް ސަލާމް ގޮވާލިއެވެ. ދެން އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު އެބޭކަލުންގެ ކެއުމުގައި ބައިވެރިވުމަށް އެޒުވާނާއަށް ދަޢުވަތުދެއްވިއެވެ. ވިދާޅުވިއެވެ. އޭ ބަކަރިހުއިހައްޕާ ޒުވާނާއެވެ! އަހަރެމެންގެ މި ސުފުރާގައި ބައިވެރިވެލާން އަންނާށެވެ! އެޒުވާނާ ބުންޏެވެ. ތިމަންނާ މިހުރީ ރޯދައަށެވެ.

Friday, February 25, 2011

ޒިނޭއިން ސަލާމަތްވީ ކިހިނެއް؟

ޒިނޭއިން ސަލާމަތްވީ ކިހިނެއް؟
ލިޔުނީ: އަބޫ ޙަނީން
ޢިބުރަތްތެރި ވާހަކައެއްގައި ވެއެވެ. އަޅުވެރިޔެކެވެ. މިސްކިތަށް އަރައި ﷲ އަށް އަޅުކަންކުރުމުގައި އިޚްލާޞްތެރިކަމާއެކު އޭނާގެ ވަގުތުތައް ހޭދަކުރާ މީހެކެވެ. ރޭގަނޑުގެ ނިދީން އެހެންމީހުން އަރާމު ލިބިގަންނަމުންދާއިރު އެނިދި ނަގާލާފައި ﷲ އަށްޓަކައި ޤާއިމްވެ ހުންނަ މީހެކެވެ. އެއްދުވަހެއްގައި މިމީހާ މިސްކިތުގައި އިންދައި އަންހެނަކު އަތުވެއްޖެއެވެ. އަސާގަނޑެއް ހިފައިގެން ހުރި އަންހެނެކެވެ. ފެންނަ ފެނުމުގައި މުސްކުޅިއެކެވެ. އަންހެންމީހާ އަޅުވެރިޔާ ކައިރިން އެދުނީ އޭނާ ގެޔަށް ދިޔުމަށްޓަކައި އެހީތެރިވެދިނުމަށެވެ. އަޅުވެރިޔާގެ ހިތަށް ހަމްދަރުދީ ވަދެ މިއަންހެންމީހާ އޭނާގެ ގެއަށް ދިޔުމަށްޓަކައި އެހީތެރިވެދީފިއެވެ.

Thursday, December 2, 2010

މަންމާ...!! ކީއް ކޮއްދޭންވީ؟ ކޮންކަމެއް ބޭނުމީ؟؟

 މަންމާ...!! ކީއް ކޮއްދޭންވީ؟ ކޮންކަމެއް ބޭނުމީ؟؟
ނައީލް އޭނާގެ މަންމަ ކައިރީ ބުންޏެވެ. [މަންމާ ކީއް އަހަރެން ކޮއްދޭންވީ؟ ކޮންކަމެއް ބޭނުމީ؟ އަހަރެން ބޭނުން މަންމަ އަހަރެންދެކެވާ ލޯތްބާއި އަހަރެން ބަލާ ބޮޑުކުރުމަށްޓަކައި އުފުލަން ޖެހުނު ވޭނާއި ތަހަންމަލްގެ އަގު އަދާކޮށްދޭން.]

މަންމަ ހައިރާންވެ ހުރެ ސުވާލު ކުރިއެވެ. [ދަރިފުޅު ކީއްވެ ތިގޮތަށް ތި ވިސްނަނީ؟ މަންމަ އަދާކުރީ މަންމަގެ ވާޖިބެއް، އެއްވެސް ވާޖިބަކަށް އޭގެ ބަދަލުގައި އަގެއް ދޭކަށް ނުޖެހޭ، އެހެން ނޫނަސް ދަރިފުޅަކަށް އެކަމުގެ އަގެއް ނުވެސް ދެވޭނެ.]

Tuesday, November 9, 2010

ޙަޔާތުގެ އެންމެ ފަހު ބަސްތަކަކަށް... އަހަރެންގެ ލޯބިވެރިޔާ... އަހަރެންގެ ލޯބިވެރިޔާ

ޙަޔާތުގެ އެންމެ ފަހު ބަސްތަކަކަށް... ”އަހަރެންގެ ލޯބިވެރިޔާ... އަހަރެންގެ ލޯބިވެރިޔާ...

ލިޔުނީ: މުޙައްމަދު އަލްޢަރީފީ
އައްޝައިޚް މުޙައްމަދު އަލްޢަރީފީ އަށް، ކެނެޑާގައި ދިރިއުޅޭ މުސްލިމް (ޢަރަބި) ޑޮކްޓަރެއް ކިޔާދިން ކަމަށް، ޝައިޚު ކިއުއްވާ ދެއްވިއެވެ.
އަހަރެން، ޑޮކްޓަރުކަމުގެ ކޯހުގައި ފުރިހަމަ ކުރަން ޖެހޭ ޢަމަލީ ތަޖުރިބާގެ ބައި ފުރިހަމަ ކުރުމަށްޓަކައި ހޮސްޕިޓަލެއްގައި މަސައްކަތް ކުރީމެވެ. އެއްދުވަހެއްގައި، (އަދައިގެ މަތިން) އަހަރެން އެ ހޮސްޕިޓަލަށް ދިޔައީމެވެ. އަދި” އައި.ސީ.ޔޫ“ (އިންޓެންސިވް ކެއަރ ޔުނިޓް) އަށް ވަނީމެވެ. އަދި އަހަރެންނަށް ކުރަން ޖެހޭ މަސައްކަތް ކަމުގައިވާ، އެތަނުގައި އެޑްމިޓް ކުރެވިފައިވާ މީހުންގެ ޙާލާއި، އެމީހުންގެ ރިޕޯރޓްތައް ޗެކްކުރުން ފަދަ ކަންތައްތައް ކުރަން ފެށީމެވެ. މިހެން މިކަން ކުރަމުންދަނިކޮށް އަހަރެންގެ ނަޒަރު ހުއްޓުނީ އެތަނުން އެނދެއްގައި ބާއްވާފައި އޮތް، ޢުމުރުން އެކާވީސް އަހަރުގެ ފިރހެން ކުއްޖަކަށެވެ. އޭނާގެ ނަމަކީ މުޙައްމަދު އެވެ. އަދި އޭނާގެ ނަމުން އެނގޭ ގޮތުގައި އޭނާ އަކީ މުސްލިމެކެވެ  .
Related Posts Plugin for WordPress, Blogger...