ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޢީދު މީލާދު ފާހަގަ ކުރުމަކީ ހުއްދަކަމެއް ހެއްޔެވެ؟
ލިޔުނީ: ނިމާލް މުޙައްމަދު
ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން ޚަލްޤުކުރެއްވުމަށްފަހު އެބައިމީހުން އުޅެންވީގޮތާއި އުޅެގެންނުވާނެގޮތް ބަޔާންކޮށްދެއްވުމަށްޓަކައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ފޮނުއްވެވިއެވެ. އަދި އެބޭކަލުންނަށް ފޮތްތައް ބާވާލައްވައި، މީސްތަކުންނަށް އެފޮތްތަކުގައިވާ އަމުރުތަކާއި ނަހީތައް ބަޔާންކޮށްދެއްވުމަށް އެންގެވިއެވެ. މިގޮތުގެ މަތީން އަޅުގަނޑުމެންގެ މާތްނަބިއްޔާ محمد صلى الله عليه وسلم މި ފަނާވެދަނިވި ދުނިޔެއާއި އަލްވަދާޢު ކިޔާފައިވަނީ މީސްތަކުންނަށް ހުރިހާކަމެއް ބަޔާންކޮށްދެއްވާފައެވެ. ހެޔޮ ކަމެއްނަމަ އެކަމަކަށް އަމުރުކުރައްވާ އިރުޝާދު ދެއްވާފައެވެ. އަދި ކޮންމެ ނުބައިކަމަކަށްމެ ހުޝިޔާރުކުރައްވާ އިންޒާރުދެއްވާފައެވެ.
ދީނުގެތެރެއަށް އިތުރުކުރާ ބިދުޢަތަކަކީ މިގޮތުން އެކަލޭގެފާނު ނިހާޔަތަށް އިންޒާރުކުރައްވާ ނަހީކުރައްވާފައިވާ ކަންތައްތަކެކެވެ. އެހެނީ ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ބަސްފުޅު ވަޙީކުރައްވާ އަންގަވާފައިވަނީ އިސްލާމްދީން އެ އިލާހު މީސްތަކުންނަށް ދީނެއްކަމުގައި ރުހިވޮޑިގެންނަވައި އެ ދީން އެބައިމީހުންނަށްޓަކައި ފުރިހަމަކޮށްދެއްވާފަކަމެވެ.
قال الله تعالى: (الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْأِسْلامَ دِيناً) (المائدة: 3)
މާނައީ: "މިއަދު ތިޔަބައި މީހުންނަށްޓަކައި ތިޔަބައިމީހުންގެ ދީން ފުރިހަމަ ކޮށްދެއްވާފީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ތިމަން އިލާހުގެ ނިޢުމަތްތަށް ފުރިހަމަކޮށްދެއްވާ އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ރުހިވޮނޑިގެންފީމެވެ. "