އެންމެ ފަހުން މޫނު ބުރުގާވެސް މަނާކުރަނީއެވެ.
ލިޔުނީ: އިބްނު މުޙައްމަދު
މޫނު ބުރުގާ މަނާކުރުމަށް ހުޅަނގުގެ ޤައުމުތަކުން ކުރަމުން ދާ މަސައްކަތް މިއަދު މިވަނީ މެކުހަށް ޖަހައިފައެވެ. އިސްލާމުންނަށް ދަތިކުރުމުގެ ގޮތުން ހުޅަނގުގެ ބައެއް ޤައުމުތަކުން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިހާރު އެންމެ ބާރަށް ކުރިޔަށް ގެންދާ އެއް ހަރަކާތަކީވެސް މޫނު ބުރުގާ މަނާކުރުމުގެ ކެންޕޭނެވެ. އެގޮތުން ޔޫރަޕުގެ އެންމެ މުސްލިމުން ގިނަ ޤައުމު ކަމުގައިވާ ފްރާންސްގައި މޫނު ބުރުގާ މަނާކުރުމަށްޓަކައި އެންމެ ފަހު ހަރުފަތްތަށް ގިރާކުރަމުން ދާއިރު ސްޕެއިންގެ ބައެއް ސިޓީތަކުގައިވެސް މިހާރު ވަނީ މޫނު ބުރުގާ މަނާކޮށްފައެވެ. އަދި ބައެއް ޤައުމުތަކުގައި މޫނު ބުރުގާ އަޅައިގެން ބައެއް ތަންތަނަށް ގޮސްފިނަމަ ޖޫރިމަނާކޮށް ޖަލަށް ލާ ގޮތަށް ގާނޫނުތަށް ހަދާ އެއަށް އަމަލުވެސް ކުރަން ވަނީ ފަށައިފައެވެ.
އާދެ މޫނު ބުރުގާ މަނާކުރުމަށް ކުރިޔަށް ގެންދާ ކެމްޕޭނާ އެންމެ ފަހުން ގުޅުނު އަނެއް ޤައުމަކީ އަޅުގަނޑުމެންގެ ދިވެހި ރާއްޖެއެވެ. ފަރަންސޭސި ވިލާތުގައި މޫނު ބުރުގާ މަނާކުރުމަށް އެކުލަވާލި ގަވައިދުގައި ޞަރީހަކޮށް “މޫނު ބުރުގާ މަނާ” ކަމުގައި ބުނެފައި ނުވި ނަމަވެސް އެ ގަވައިދުގައި ބުނެފައި ވަނީ މޫނު ފޮރުވައިގެން އުޅުމަކީ މަނާ ކަމެއް ކަމުގައިވެ. މިދިޔަ ބުރާސްފަތި ދުވަހު ދިވެހި ރާއްޖޭގެ ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރެވުނު ސިވިލް ސާވިސްގެ މަސައްކަތުގައި މުވައްޒަފުން ހެދުން ބަހައްޓަންވީ ގޮތުގެ ގަވައިދުގައިވެސް “މޫނު ބުރުގާ މަނާ” ކަމަކަށް ސީދާ ޞަރީޙަ އިބާރާތަކުން ބުނެފަކައެއް ނެތެވެ. ނަމަވެސް އެ ޤަވައިދުގައި ބުނެފައި ވަނީ “ހެދުން އަޅާފައި ހުންނަން ވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި” ކަމަށެވެ. ފަރަންސޭސި ވިލާތުގައި މޫނު ބުރުގާ މަނާކުރުމަށް އެކުލަވާލި ގަވައިދާ މިއާހުރީ ކޮން ތަފާތެއްތޯއެވެ؟
މޫނު ބުރުގާ މަނާކުރުމުގައި ދިވެހި ސަރުކާރުން ވަނީ ހުޅަނގުގެ ޤައުމުތަކަށްވުރެއް އެއް ފިޔަވަޅު ކުރީގައިކަމުގައިވެސް ދަންނަވާލަން ޖެހެއެވެ. ފަރަންސޭސި ވިލާތުގައި މޫނު ބުރުގާ އަޅައިގެން އުޅެނިކޮށް އަތުލެވިއްޖެނަމަ ކުރަނީ ޖޫރިމަނާއެކެވެ. ނުވަތަ ކުރު މުއްދަތަކަށް ލަނީ ޖަލަށެވެ. ނަމަވެސް ރާއްޖޭގައި އެކުލަވާލި ގަވައިދުގެ ސަބަބުން މޫނުބުރުގާ އަޅާ އަންހެނާ ޖަލަށް ދާން ނުވަތަ ޖޫރިމަނާއެއް ދަށްކަން ނުޖެހުނު ނަމަވެސް، މުޅި އުމުރަށް ސަރުކާރުގެ ވަޒީފާއެއް އަދާކުރުމުގެ ފުރުޞަޠު ގެއްލި، އެ އެގޮތުން ލިބިދާނެ އާމްދަނީއަކުން އެއްކޮން މަހްރޫމްވެގެން ދެއެވެ.
އިންސާނީ ހައްޤުތަށް ހޯދައިދިނުމަށް މަސައްކަތްކުރާ ޖަމާއަތްތަކަށްވެސް މިއީ މައްސަލައަކަށް ނުވިތާއެވެ. މިބައި މީހުންނަށްވެސް މައްސަލައަކަށްވަނީ އެމީހަކު ބޭނުން ދީނަކަށް(އިސްލާމް ދީން ފިޔަވާ) އުޅުމުގެ ފުރުޞަދު ނެތީމައެވެ. މި ޤަވައިދުގެ ސަބަބުން ވަޒީފާ އަދާކުރުމަށް އުޒުރުވެރިވާ މުސްލިމު އުޚްޠުންގެ ހައްޤުތަށް ހޯދައިދިނުމަށް ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށް އަޅުގަނޑު ވަރަށް އާދޭހާއެކު ދަންނަވަމެވެ. އަދި އަދުގެ އަލްމާނީ ސަރުކާރުން އިސްލާމްދީން ފޮހެލުމަށްޓަކައި ހިންގަމުންދާ އެންމެހާ ޖަރީމާތަށް ހުށްޓާލާ މާތް ﷲގެ ދީނަށް ފުރިހަމައަށް ވަނުމަށްވެސް ނަސޭހަތްތެރިވާހާލު އަޅުގަނޑުގެ ލިޔުން ކުރުކޮށްލަމެވެ.
No comments:
Post a Comment