"މި ހަތަރު ކަންތައް ޖަމާ ވެއްޖެ މީހަކު ސުވަރުގެ ވަދެއްޖެއެވެ."
ޢަބްދުﷲ ނަސީމް
އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޞްޙާބު ބޭކަލުންނާ ސުވާލު ކުރެއްވިއެވެ! ޙަދީޘް ކުރެއްވިއެވެ. “ތިޔަ ބޭކަލުންގެ ތެރެއިން މިއަދު ރޯދައަށް ހުންނެވީ ކޮން ބޭކަލެއްތޯއެވެ؟” އަބޫބަކުރު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. “ތިމަން ކަލޭގެފާނެވެ.” ޙަދީޘް ކުރެއްވިއެވެ. “ތިޔަ ބޭކަލުންގެ ތެރެއިން މިއަދު ޖަނާޒާ އެއްގައި ބައިވެރިވީ ކޮންބޭކަލެއްތޯއެވެ؟” އަބޫބަކުރު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. “ތިމަން ކަލޭގެފާނެވެ.” ޙަދީޘް ކުރެއްވިއެވެ. “ތިޔަ ބޭކަލުންގެ ތެރެއިން މިސްކީނަކަށް ކާންދެއްވީ ކޮންބޭކަލެއްތޯއެވެ؟” އަބޫބަކުރު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. “ތިމަން ކަލޭގެފާނެވެ.” ޙަދީޘް ކުރެއްވިއެވެ. “ތިޔަ ބޭކަލުންގެ ތެރެއިން ބަލި މީހަކަށް ޒިޔާރަތް ކުރެއްވީ ކޮން ބޭކަލެއްތޯއެވެ؟ އަބޫބަކުރު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. “ތިމަން ކަލޭގެފާނެވެ.” ޙަދީޘް ކުރެއްވިއެވެ. “މި ހަތަރުކަންތައް ޖަމާ ވެއްޖެ މީހަކު ސުވަރުގެ ވަދެއްޖެއެވެ.” (މުސްލިމް)
1- ރޯދަ ހިފުން
2- ޖަނާޒާ ގައި ބައިވެރިވުން
3- މިސްނީކަނަކަށް ކާން ދިނުން
4- ބަލި މީހަކަށް ޒިޔާރަތް ކުރުން
ސުބްޙާނަﷲ! އެހެން ކަމުން އަހަރެމެންވެސް މަތީގައިވާ ހަތަރު ކަންތައް ޖަމާ ކުރުމަށްޓަކައި މަސައްކަތް ކުރުމަށް މާސްޓަރ ޕްލޭނެއް ރާވަމާ ހިނގާށެވެ.
- ކޮންމެ ހަފްތާ އަކުވެސް ހޯމަ ބުރާސްފަތީގައި ރޯދަ ހިފަން އާދަކުރަމާ ހިނގާށެވެ. އަދި އޭގެ އިތުރުން ކޮންމެ ހަނދު މަހެއްގެ 13، 14، 15 ގަވެސް ރޯދަ ހިފިދާނެއެވެ.
- ކޮންމެވެސް މިސްކީނަކު ހޯދާލައިގެން ކާ އެއްޗެއް ފޯރު ކޮށްދިނުން އެއީ އާދަ އެއް ކަމުގައި ހަދަމާ ހިނގާށެވެ. ގެޔަށް ގެނެސް ވެސް ކާން ދެވިދާނެއެެވެ. ނުވަތަ ހޮޓަލަކަށް ވައްދައިގެންވެސް ކާންދެވިދާނެއެވެ.
- އާއިލާ މީހެއް ނުވަތަ ގާތް ތިމާގެ މީހެއް ނަމަވެސް، ނުވަތަ ރަހުމަތްތެރިއެއް ވެސް ބަލިވެ އުޅޭ ނަމަ ޒިޔާރަތް ކުރަމާ ހިނގާށެވެ. އެއްވެސް މީހަކު ބަލިވެ ނޫޅޭ ނަމަ (މާޝާ ﷲ) ހޮސްޕިޓަލަށް ޒިޔާރަތް ކޮއްލާ އެތާގައިވާ ބަލިމީހުންނާވެސް ބައްދަލު ކޮއްލެވިދާނެއެވެ. ކޮންމެ ދުވަހަކު ނުކުރެވުނަސް ކޮންމެވެސް ވަރަކަށް މިކަންވެސް ކުރެވިދާނެއެވެ.
މި 3 ކަންތައް ކުރުން އަހަރެމެންނަށް އާދަ ކުރެވިއްޖެ ނަމަ، ޖަނާޒާ އެއް އޮތް ވާހަކަ އަޑު އިވުމުން އެތަނަށް ގޮސް އޭގައި ބައިވެރި ވުމަކީ މާ އުނދަނގޫ ކަމަކަަށް އިން ޝާﷲ ނުވާނެއެވެ.
އަދި އޭރުން މަތީގައިވާ ޙަދީޘް ގައި ވާ ފަދައިން އެ ހަތަރުކަންތައް ‘ޖަމާ’ ކުރެވުމުގެ ނަޞީބު އަހަރެމެންނަށް އިން ޝާﷲ ލިބިގެން ހިނގައިދާނެއެވެ.
ތިބޭފުޅާގެ އިތުރު އައިޑިއާ އެއް އޮތްނަމަވެސް ކޮމެންޓެއްގެ ގޮތުގައި ހިއްސާ ކުރައްވާށެވެ!
No comments:
Post a Comment