Tuesday, April 26, 2011

އިންސާނުންގެ ޙައްޤާއި ޖައްލާދުންގެ ޙައްޤު

 އިންސާނުންގެ ޙައްޤާއި ޖައްލާދުންގެ ޙައްޤު
 އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް 
މި މަޒްމޫނުގައި  އަޅުގަނޑު ބަލާލާން މި ޤަޞްދުކުރަނީ އިންސާނީ ޙައްޤާއި ޖައްލާދުންގެ ޙައްޤު މި ދެ ކަލިމައިގެ މާނައަށެވެ. ސަބަބަކީ ދިވެހިބަހުން ލިޔެފައި ހުންނަ އެއްޗެހި ކިޔާލަން އަދި އެނގުނަކަސް މިހާރަކަށް އައިސް މި ދެކަލިމައިގެ މާނަ ހަމަ އެއްވެސް ވަރަކަށް  މީހުނަށް އެނގިފައި ނެތް ބީދައިން މީސްތަކުންގެ ޙަރަކާތްތަކުންނާއި ބަހުން ފެންނަމުންދާތީ އެކަމުގެ ޙަޤީޤަތް އޮތްގޮތް ހާމަކޮއްލަން ބޭނުންވުމެވެ. ވަކިން ޚާއްޞަކޮށް ހުޅަގާއި ނަޞާރާއިން ކޮނެފައިހުރި ވަޅުތަކުން ފެންބޮއިގެން  ސްޕޮންސަރުވެ، ސިކުނޑިދޮވެވިގެން ރާއްޖެއައިސްތިބި ބައެއް ދިވެހީންވެސް ތިމާމެންނަށް ދުވަހަކު ނުފެންނަ އައު މޮޅުކަމެއް ދުނިޔެއަށް ގެނެވިގެން އުޅޭހެން އިސްލާމްދީނާއި މެދު ބީރައްޓެހިފޫހި ރާގަކަށް ވާހަކަ ދައްކަމުން، ޑިމޮކްރަސީ އާއި އިންސާނީ ޙައްޤާއި، އަންހެނުންގެ ޙައްޤާއި އަދި މިނޫންވެސް ޙައްޤުތަކެއް ހޯދުމަށް އުޅޭކަމުގައި ފަޚުރުވެރިވެ އުޅޭތީ އެމީހުން އެތިބި ނިކަމެތި ޙާލު އެމީހުނަށް ހަނދުމަކޮށްދިނުމީ ލާޒިމް ކަމެއްކަމުގައި ދެކެމެވެ.

އާދެ!މި ޖުމްލައިގައި މިވަނީ 3 ކަލިމައެވެ.
1-އިންސާނީ، 2-ޙައްޤު ، 3-ޖައްލާދު.
މި ތިން ބަހަކީވެސް ޢަރަބި އަޞްލުން ނެގިފައިވާ 3 ކަލިމައެވެ.

ފުރަތަމަ  އަޅުގަނޑު މި ބަލައިލަނީ އިންސާނީ ކަލިމަ އަށެވެ. އަލް އިންސާން ނުވަތަ އިންސާނާ މިއީ އާދަމުގެ ދަރީންގެ ފިޠުރަތުގައި ﷲ ލައްވަވާފައިވާ އެކަކު އަނެކާއި އެކު ބައްދަލުވެ ވާހަކަޔާއި މުޢާމަލާތް ބަދަލްކުރުމުގައި ދެމީހުންގެ ދޭތެރޭގައި އުފެދޭ ރައްޓެހިކަމާއި ކުލުނުވެރިކަން ޢިބާރާތް ކޮއްދޭ ލަފްޒެކެވެ. ވީމާ އިންސާނީ އޭ ބުނުމުން އިންސާނުވަންތަކަމުގެ އާދަމުގެ ދަރީން އެކަކު އަނެކަކުގެ މައްޗަށް އޮންނަ ކުލުނާ ހަމްދަރްދު ދޭހަވެގެންދެއެވެ. އޭގެ އިދިކޮޅަކީ ޖަނަވާރުވަންތަ ކަމެވެ. ފަހެ ޖަނަވާރުންނަކީ އެސޮރުމެންނާއި އެއްޖިންސުގެ ތަކެއްޗާއި އެނޫން ޖިންސުގެ ތަކެތީގެ އިތުރުން އިންސާނުންނާވެސް ދިމާކޮށް ޝިކާރައަކަށް ހަދައިލާފާނެ އެއްޗެއްސަށް ދެވިފައިވާ ނަމެކެވެ. ވަކިއަޅައި ވީދާ ކެއުމަކުން އެސޮރުމެންގެ އަބުރަކަށް އެއްވެސް ހަޑިކަމެއް ނިސްބަތެއް ނުކުރެވޭ ނެއެވެ. ސަބަބަކީ އެއީ އެސޮރުމެންނާއި އިންސާނުންވެސް ހެއްދެވިފަރާތުން އެސޮރުމެން ގައިގާ ލައްވާފައިވާ ޚަޞްލަތާއި ޠަބީޢަތްކަމުގައިވާތީ އެވެ. އެހެނެއްކަމަކު އިންސާނަކު ނިކުމެ އަނެއްއިންސާނަކު ގައިގައި ދަތް އަޅާ ގުނަވަންތައް އިރާލައި، ބަނޑުފަޅައި ކޮށާ ކުދިކޮށްފިނަމަ އޭނާ އެހެރީ އިންސާނުވަންތަކަމުން ނިކުމެގޮސް ޖަނަވާރުވަންތަކަމުގެ ސިފައިން ސިފަޖެހިފައެވެ. އޭގެ އަނެއްކޮޅުން މިނިވާގަކު ގެއަށްވަދެ ދޮރުހުޅުވާލައި ސަލާން ގޮވުމާއިއެކު އައިސް، ބަދިގެއިން ތެއްޔާއި ކައްކާ ސާމާނުތައް ހޯދައިގެން ބިރިޔާނީ ކައްކައިދީ ކާންހަދައިދިނުމަށްފަހު ގޭގެ މީހުންނާއި އެކު ކާން އިށީދެ، ރީތި ދިވެހިބަހުން ދޫފަސޭހަ ކަމާއިއެކު ވާހަކަދައްކަން ފަށައިފިނަމަ އެހެރީ އޭގެ އަޞްލު ޠަބީޢަތުން ނެއްޓިފައެވެ. އެކަމާ މީހުން ޙައިރާންވުމަކީ އެމީހުނަށް މަލާމާތް ރައްދުވާނޭ ކަމަކަށް ނުވާނެއެވެ. ސަބަބަކީ އެމީހުން ޙައިރާންވެ ޢަޖާބު އެވަނީ ޢަޖާއިބުވުން ހަމަ ޙައްޤު ވެގެންނެވެ.
ދެން ބަލައިލާނީ ޖައްލާދަށެވެ.

ކުރީގެ ދިވެހި ވާހަކަތަކުގައި މިބަހަކީ ވަރަށް ގިނައިން ބޭނުންކުރެވޭ ބަހެކެވެ. އެއީ ރަސްގެފާނުގެ އަމުރުފުޅަށް މީސްމީހުން ޤަތުލްކޮށް ޙައްދު ޖަހަން ޢައްޔަން ކޮއްފައި ހުންނަ މީހާއެވެ. ޢަރަބިބަހުގައި މި ބަސް ނެގިފައިވަނީ ހިތްގަދަ، ކެތްގަދަ، ގަދަފަދަ ފަހުލަވާނުންނަށް ބޭނުންކުރެވޭ ލަފްޒަކުންނެވެ. ތަޅާމީހާއަށްވެސް ބޭނުންކުރެވެއެވެ. ކޮންމެއަކަސް މި މަޒްމޫނުގައި  އެ ބަހުގެ މުރާދަކީ ގޮތެއްފޮތެއް ނެތި ޙައްޤަކާއިނުލައި މީސްތަކުންގެ ނަފްސަށާއި، ޖާނަށް ގެއްލުންދޭ މުޖްރިމު އަނިޔާވެރިޔާއެވެ. ޙައްޤަކީ އެއެއްޗަކަށް ނުވަތަ އެމީހަކަށް ޙައްޤުވެގެންވާ، ކޮންމެހެން ލިބިދެވެންޖެހޭ ޔަޤީން އެއްޗެވެ. ނުވަތަ ކަމެވެ.

މި ބަސްތައް މިހެން ދަސްވެއްޖެނަމަ ދެން ނިކަން ބުނެބަލާށެވެ. އިންސާނަކު ކުރިން މިބުނި ފަދައިން މީހެއްގެ ނަފްސަށް ޙައްޤަކާއިނުލައި އަނިޔާކޮށް، އިހާނެތިކަމާއިއެކު މަރާލައި، އިންސާނުވަންތަކަމުން ނިކުމެ ޖަނަވާރުވަންތަކަމަށް ބަދަލުވެ، އޭނާ ޖައްލާދަކަށްވީމާ، އަނިޔާލިބުނު ފަރާތްތަކުގެ އިޙްސާސްތަކަށްޓަކައި އިސްލާމީޝަރީޢަތުގައި އަނިޔާވެރިޔާއަށްދޭން ފަރުޟުކުރައްވާފައިވާ އަދަބު ދިނުމަށް ހުރަސްއަޅައި އެ މުޖްރިމް ކަލޭގެ ފަރާތުގައި ތިބޭ ޥަކީލުންކަމުގައިވެ ތިބެ، އޭނާއަށް އެ ޢުޤޫބާތް ދިނުމީ އިންސާނީ ޙައްޤުތަކާއި ޚިލާފް ކަމެކޭ، ކިޔާ ﷲ ބާވައިލެއްވި ސާފް ޝަރީޢަތަށް އިޢުތިރާޟް ކުރުމީ އެމީހުންގެ ހުރި ހަމައެއް ލަމައެއް،  ލަދުޙަޔާތެއް ނެތްކަމާއި، އެމީހުންނަކީ ފަރުދާވެގެން ތިއްބަސް ކަނޑައެޅިގެން ގަދަކީރިތިވަންތަ މާތްﷲ އަށް އީމާންނުވާ ބަޔަކުކަން ކިހާރަނގަޅަކަށް ސާފްވެ، ބަޔާންވެގެން ނުދާނެކަމެއްތޯއެވެ؟ ޝައްކުކުރާނެ އެއްވެސް ޖާގައެއް ނެތެވެ. އެމީހުންނަކީ ހަމަ  ﷲ އަށް އީމާން ނުވެތިބި ކާފަރުންނެވެ. މާތް ﷲ އެމީހުން ފަޟީޙަތް ކުރެއްވުން ދާދި ގާތެވެ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...