އެންމެ ބޮޑު ޢަޖާއިބު
އައްޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް
ހިޖުރައިން 751 ގައި ނިޔާވެފައިވާ އިސްލާމީ އުއްމަތުގެ މަޝްހޫރު ފަންނުވެރި، ފިޤުހުވެރި، ވިސްނުންތެރި، ޙިކްމަތްތެރި، ޒާހިދު، އާދަޔާއި ޚިލާފު ސައިންޓިސްޓު އަދި ޑޮކްޓަރު އަލްއިމާމް އިބުނުލް ޤައްޔިމް رحمه الله ލިޔުއްވާފައިވެއެވެ. " ކަންކަމުގެ ތެރެއިން އެންމެ ޢަޖާއިބުކަން ބޮޑު ކަމަކީ ﷲ ކަލެއަށް އެނގުމަށް ފަހުވެސް ކަލޭ އެކަލާނގެ ދެކެ ލޯބި ނުވުމެވެ. (އެގޮތަކީ) އެކަލާނގެ މަގަށް ގޮވަމުންދާ ގޮވުންތައް އަޑުއިވިފައިމެ އިޖާބަ ނުދީ ފަހަށްޖެހިގެން ހުރުމެވެ. އަދި އެކަލާނގެ އާއި އެކު މުޢާމަލާތް ކުރުމުގައި ހުރި ލާބަޔާއި މަންފާ އެނގިހުރެމެ އެކަލާނގެ ދޫކޮށް އެހެން ފަރާތްތަކާއި އެކު މުޢާމަލާތް ކުރަމުންދިއުމެވެ. އަދި އެކަލާނގެ ކޯފާގެ ބޮޑުކަން އެނގޭ ޙާލު ކޯފާއަށް ހުށައޮޅިގަތުމެވެ. އަދި އެކަލާނގެއަށް އުރެދުމުގެ ނާމާންކަމުން އަންނަ ހިތިރަހަ ދެކިފައިމެ، އެކަލާނގެއަށް ކިޔަމަންވުމުގެ ހަމަޖެހުން ހޯދާން ނޫޅުމެވެ. އަދި އެކަލާނގެ ބަސްފުޅުތަކާއި އެކަލާނގެއާއިމެދު ފިކުރުކުރުން ދޫކުރުމުގެ ސަބަބުން ހިތަށް ލިބިގެންދާ ކެކުޅުން އިޙްސާސް ކުރަމުންވެސް، އެކަލާނގެ ހަނދުމަ ކުރުމާއި، ކުއްތަންވެ މުނާޖާ ދެންނެވުމަށް ހިތް ތަނަވަސް ނުވާކަމެވެ. އަދި އެކަލާނގެ ފިޔަވައި އެހެން އެއްޗަކަށް ހިތުގެ ޖާގަ ހުސްވެފައިވުމުން ހިތަށް ލިބިގެންދާ އަހުވަ ފެނި އެކަމުން ސަލާމަތްވުމަށްޓަކައި އެކަލާނގެއަށް ކުށްތަންވެ، ރުޖޫޢަވުމުގެ ނިޢުމަތާއި ދިމާއަށް ނުދިއުމެވެ.
އަދި މިހުރިހާ ކަމަކަށްވުރެވެސް ޢަޖާއިބީ ކޮންމެޙާލެއްގައިވެސް އެކަލާނގެ އެހީތެރިކަމަށް ކަލެއަށް ބޭނުންޖެހިފައިވުމާއި، އެފަރާތަށްވުރެ މުހިއްމު ފަރާތެއް ކަލެއަށް ނެތްކަން ޔަޤީންވާއިރުވެސް ކަލޭ ތިދަނީ އެކަލާނގެއާއި ހައްތާވެސް ދުރަށް ކަމުގައިވުމެވެ. އަދި އެކަލާނގެއާއި ދުރުކުރުވާ އެއްޗަކާ ވިއްޔާވެސް ކައިރިވަމުން އެއެއްޗަކާއި ދިމާލަށް އެދުންވެރިވަމުންކަމުގައި ވާތީއެވެ.
No comments:
Post a Comment