މަރަށް މަރު ހިފުން!
إبن أحمد
ދިވެހިރާއްޖެއަކީ "ސައްތައިން ސައްތަ" އިސްލާމީ ޤައުމެކޭ ކިޔައިގެން އެންމެންވެސް ވާހަކަ ދައްކަމުންދާއިރު ދިވެހި ރާއްޖޭގައި ހިންގަމުންދާ ބޮޑެތިވެގެންވާ ޖަރީމާ ތަކަކީ އަޅުގަނޑުމެން ކޮންމެ މުސްލިމަކު މިއަދު އިންތިހާއަށް ހިތާމަކުރަންޖެހޭ ކަންތައްތަކެކެވެ. އެންމެ ފާހާގަ ކޮށްލަން ޖެހޭ ކަމަކީ މި ރާއްޖޭގައި ހިންގަމުންދާ މާރާމާރީތަކުގެ ގިނަކަމެވެ.ކުޑަކުއްޖެއް، އަންހެނެއް އަދި މުސްކުޅިއެއް ބަލައިލުމެއްނެތި މަގުތައްމަތީގައި މީހުންގެ ގަޔަށް ތޫނު ތަކެތި ހަރައި، މީހުން ޤަތުލުކުރުމާއި، އަނިޔާވެރި ގޮތުގައި އެއްވެސް ޖެހިލުމެއް ބިރެއް ނެތި މީހުން މެރުމަކީ މިހާރު ދިވެހިރާއްޖޭގައި އާއްމުކަމަކަށް ވަނީވެފައެވެ.
ﷲ ޞުބްޙާނަހޫ ވަތަޢާލާ އިންސާނުން އުފައްދަވައި، އިންސާނުން އެންމެހާ މަޚްލޫޤުންގެ މައްޗަށް މާތްކުރައްވައި، އެ އިންސާނުންގެ ނަފްސުތަކަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއްކަމުގައި ލެއްވިއެވެ. ޙައްޤު ނޫން ގޮތުގައި އެއްވެސް އިންސާނަކު،އެ މީހެއްގެ އަމިއްލަ ނަފްސަށް ނުވަތަ އަނެއް އިންސާނަކަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ދިނުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާކަމެކެވެ. މިކަން ބަޔާންކުރައްވައި ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވަނީ: ( وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَآؤُهُ و جَهَنَّمُ خَـالِدًا فِيهَا وَغَضِبَ اللَهُ عَلَیْهِ وَلَعَنَهُ و وَأَعَدَّ لَهُ و عَذَابًا عَظِيمًا) سورة النساء 93 މާނައީ: "އަދި ގަސްދުގައި މުއުމިނަކު ޤަތުލުކޮށްފިމީހާ، ފަހެ އެމީހާގެ ޖަޒާއަކީ ޖަހަންނަމައެވެ.އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި މާތްﷲގެ ކޯފާ އެމީހެއްގެ މައްޗަށް ވެއެވެ.އަދި އެމީހަކަށް ލައުނަތް ލައްވައެވެ. އަދި ބޮޑުވެގެންވާ ޢަޒާބު އެމީހަކަށްޓަކައި ތައްޔާރުކުރައްވާފައިވެއެވެ." އަދިވެެސް ވަޙީކުރައްވާފައިވެއެވެ. ( وَلاَ تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَهُ إِلاَّ بِالْحَقِّ) سورة الانعام151 މާނައީ :" އަދި މާތްﷲ ޙުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ތިޔަބައިމީހުން ޙައްޤަކާއި ނުލައި ނުމަރާށެވެ."
މިކަމަކީ އިސްލާމްދީނުގައި މިހާމަތީދަރަޖައަކަށް ޙަރާމްކުރައްވާފައިވާ ކަމަކަށްވާއިރު އެއްވެސް ހުއްޓުމެއްނެތި މިކަންކަން ތަކުރާރުވަމުންދާ ސަބަބަކީ ކޮބައިތޯވެސް ބަލާލަންޖެހެއެވެ. އެންމެފުރަތަމަ ކަމަކީ ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ކިޔަވަމުން ބޮޑެތިވަމުން އަންނަ ކުދީންނަށް އިސްލާމްދީނުން އެނގެންޖެހޭ މިންވަރަށް ނޭންގުމެވެ. އަނެއް ސަބަބަކީ ދިވެހިރާއްޖޭގައި ހުރި ޢަދުލް އިންސާފް ގާއިމްކުރާ ތަންތަނުގައި ތިއްބެވި ފަރާތްތައް އިންސާފުން އެއްކިބާވެ، އެބައިމީހުންގެ ހިތްތަކުގައި ﷲ ތަޢާލާއަށް އޮންނަންޖެހޭ ބިރު ނެތި، ރިޝްވަތުގައިޖެހި އެބައިމީހުންގެ ހިތުހުރިގޮތަކަށް ހުކުމްތަށް ކުރަމުން ގެންދިއުމެވެ. ކަންއޮތީ މިހެންނޫންނަމަ ދިވެހިރާއްޖޭގައި ނުހައްގުން މީހުންނަށް އަނިޔާދޭ އެންމެން މަގުތަށްމަތީގައި ވީއްލިގެން އެބައިމީހުންގެ ހިތުހިރިގޮތަކަށް އުޅުމުގެ ފުރުސަތެއް ނުލިބުނީހެވެ.އިސްލާމްދީނުގައި ކަޑައެޅިފައިވާ އަދަބުތަކުން ކުއްވެރީންނަށް އަދަބުދޭނަމަ ކުއްކުރާމީހުންގެ އަދަދު މަދުވާނެކަމީ އިސްލާމްދީނަކީ ކޯއްޗެއްކަން ދަންނަ އެއްވެސް މީހަކު އިނދިކޮޅު ހަދާނެކަމެއްނޫނެވެ. އިސްލާމްދީނަކީ އެއްމެ ފުރިހަމަވެގެންވާދީނެވެ. އިންސާނިއްޔަތަށް އަދުލް އިންސާފް ގެނެސްދިން ދީނެވެ.މިގޮތުން ޤިޞާސްގެ ވާހަކަ ބަޔާން ކުރައްވައި ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވެއެވެ. ( وَلَكُمْ فِي الْقِصَاصِ حَيَاةٌ يَآ اُوْلِي الأَلْبَابِ لَعَلَّكُمْ تَتَّقُونَ) البقرة 179 މާނައީ" އަދި މަރަށް މަރުހިފުމުގައި ތިޔަބައިމީހުންނަށް ދިރުމެއްވެއެވެ. އޭ ބުއްދިވެރީންނޭވެ! އެކަން އެގޮތަށް ހަމަޖައްސަވައިފައިވަނީ ތިޔަބައިމީހުން ތަޤުވާވެރިވޭތޯއެވެ." އަދިވެސް އެއިލާހު ވަޙީ ކުރެއްވިއެވެ.( وَكَتَبْنَا عَلَيْهِمْ فِيهَآ أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالأَنْفَ بِالأَنْفِ وَالأُذُنَ بِالأُذُنِ وَالسِّنَّ بِالسِّنِّ وَالجُرُوحَ قِصَاصٌ فَمَن تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَهُ وَمَن لَمْ يَحْكُم بِمَآ اَنْزَلَ اللّهُ فَاُولئِكَ هُمُ الظَّالِمُونَ ) المائدة 45 މާނައީ" ތިމަންއިލާހު އެބައިމީހުންގެ މައްޗަށް ކަނޑައަޅުއްވައި ލިޔުއްވީމެވެ. ހަމަކަށަވަރުން ފުރާނައަކަށް ފުރާނައެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ.ހާނީއްކަ ތަކަކީ ޤިޞާޞްހުރިކަމެކެވެ. ފަހެ އެކަމުން ޞަދަގާތްކޮށްފިމީހާ (ބަދަލުހިފުމުގެ ޙައްޤުލިބޭ ހިނދު އެކަން ދޫކޮށްލައިފިމީހާ) އަށް އެކަންތަށްވާހުށީ ކައްފާރާއެއްކަމުގައެވެ.އަދި މާތްﷲ ބާއްވައިލައްވައި އަންގަވާފައިވާ ގޮތަށް ޙުކުމް ނުކުރާމީހުން، ފަހެ އެބައިމީހުންނަކީ އަނިޔާވެރީންނެވެ.
އިއްޔެ އަޅުގަނޑުމެންނަށް އަޑުއިވިގެން ދިޔަ އަނެއްވާހަކައަކީ މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައި މަޖީދީމަގުން ހިނގާފައި ދަނިކޮށް އަނިޔާވެރިގޮތަކަށް މަރާލެވުނު 18އަހަރުވީ ޒުވާނާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ތިންމީހުންގެ ތެރެއިން އެކެއްގެ މައްޗަށް "މަރަށް މަރު" ހިފުމަށް ޙުކުމް ކުރި ވާހަކައެވެ. މި ޚަބަރުވީ ދިވެހިންގެ ތެރެއިން ގިނަބަޔަކު އުފާކުރުވަނިވި ޚަބަރަކަށްވީ ނަމަވެސް އިންސާނުންގެ ހައްގުތަށް ހިމާޔަތްކުރުމައިގެން އަވަދިނެތި އުޅޭ "ހިއުމަން ރައިޓްސް" އަށް މިކަމަކީ ހަޖަމު ކުރެވޭވަރުގެ ކަމަކަށް ނުވެދާނެއެވެ.އެހެނީ މި ބައިމީހުން ފާޅުވެގެންދަނީ އަބަދުވެސް ކޮންމެވެސް މީހެއްގެ ހައްގަކަށް އަރައިގަނެގެން، ނުވަތަ ކޮންމެވެސް މީހަކަށް އަނިޔާއެއްދީގެން އުޅޭ މީހަކަށް އަދަބެއް ދޭން އުޅޭ ހިނދުއެވެ. އަނިޔާ ލިބިގެންދިޔަ މީހާގެ ހައްގަކީ މިބައިމީހުން ދަންނަ އެއްޗެއް ނޫނެވެ. އެބައިމީހުންނަށް ވަނީ ގެއްލުމާއި ހަލާކެވެ.
ތަފާތުގޮތްގޮތުން އަނިޔާލިބި، އެއްވެސް ކުށެއްނެތި ތިމާމެންގެ ދަރީން ވަކިވެ ގޮސް ހިތާމައިގައި ޢަދުލް އިންސާފް ނުލިބިތިބި މީހުންނަށް އަޅުގަނޑު ދަންނަވާލަމެވެ. ދުނިޔެއަކީ ވަގުތީ ތަނެކެވެ. ފަނާކުރުވަނިވިތަނެކެވެ. ޢަދުލް އިންސާފުން އެއްކިބާވެ، ހިތުހުރިގޮތަކަށް ހުކުމްތަށްކުރާ އަނިޔާވެރީންގެ ބާރު ކެޑި އެބައިމީހުން އިންސާފުގެ ދަރުބާރަށް ޙާޟިރު ކުރެވޭނޭ ދުވަަސް ހަމަ ކަށަވަރުންވެސް އަންނާނެއެވެ. އެދުވަހަކީ އިންސާފް ނުލިބިވާ ކޮންމެ ފަރާތަކަށް އިންސާފް ލިބިގެންދާނެ ދުވަހެވެ. އެއްވެސް ތަފާތުކުރުމެއްނެތި އެމީހަކު ކުރިކަމެއްގެ ޖަޒާ އެމީހަކަށް ލިބިގެން ދާނެކަން ކަށަވަރެވެ.
No comments:
Post a Comment