ތަރާވީހް ނަމާދުގެ މާތްކަން
އުއްމު ޢަބްދުﷲ
ތަރާވީހް ނަމާދުގެ މާތްކަމަކީ ކޮބައިހެއްޔެވެ؟
ﷲއަށް ޙަމްދުހުއްޓެވެ.
ފުރަތަމައަށް:-
ޢިލްމުވެރިންގެ އިޖްމާޢިން އެނގޭ ގޮތުގައި ތަރާވީހް ނަމާދަކީ ސުންނަތް މުސްތަހައްބު ކަމެކެވެ. އަދި އަންނަނީ ޤިޔާމުއްލައިލްގެ(ރޭއަޅުކަމުގެ) މައުޟޫގެ ދަށުގައެވެ. ޤުރުއާނާއި ސުންނަތުގެ ހެކިތަކުގެ އަލީގައި އެކަމަށް ބާރުދީ ރޭއަޅުކަމަށް ހިތްވަރުދެއެވެ. އަދި އޭގެ މަތިވެރިކަން ބަޔާންކޮށްދެއެވެ.
ދެވަނަ ކަމަކަށް:-
ރޯދަމަހުގައި ރޭއަޅުކަމުގައި ނަމާދު ކުރުމަކީ، މިމަހުގައި މީހަކަށް އޭނާގެ ވެރި އިލާހާއި އެންމެ ބޮޑަށް ކުއްތަންވެވޭ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރެއިން އެއް އަޅުކަމެވެ. އަލް-ހާފިޒް އިބްން ރަޖަބް (رحمه الله) ވިދާޅުވިއެވެ. ”ދަންނާށެވެ! ރޯދަމަހުގައި މުއުމިނު އަޅާ ދެކަމެއްގައި ނަފްސުގެ ޖިހާދުގައި ހަރަކާތްތެރިވެއެވެ. ދުވާލުގައި ރޯދަހިފުމުގެ އަދި ރޭގަނޑުގައި ރޭއަޅުކަމުގައި ނަމާދުކުރުމުގައެވެ. މި ދެ ވައްތަރުގެ ޖިހާދު އެއްކުރާ މީހަކަށް ހައްދެއްނެތި އަޖުރު ލިބޭނެއެވެ.“
ރޯދަމަހުގައި ރޭއަޅުކަމުގައި ނަމާދުކުރުމާއި ބެހޭގޮތުން ޚާއްޞަގޮތެއްގައި އައިސްފައިވާ ޙަދީޘްތައް ވެއެވެ. އަދި އެ އަޅުކަން އަދާކުރުމުން ލިބޭ މަތިވެރިކަން ބަޔާންކުރެއެވެ. އޭގެ މިޘާލަކީ:-
އަލް-ބުޚާރީ(37) އަދި މުސްލިމް(759) ގައި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވަނީ ނަބިއްޔާ (صلى الله عليه وسلم) މިފަދައިން ޙަދީޘް ކުރެއްވިކަމުގައެވެ. ”އީމާންކަމާއި ދަރުމައަށް އުއްމީދުކުރާ ޙާލު، ރޯދަމަހުގައި ރޭއަޅުކަމުގައި ނަމާދު އަދާކޮށްފި މީހެއްގެ އިސްވެދިޔަ ފާފަތައް ފޮހެވިގެން ދާނެއެވެ.“
”ރޯދަމަހުގައި ރޭއަޅުކަން ކުރުމުގައި އަދާކުރާ މީހާ“ މީގެ މާނައަކީ އެމަހުގެ ރޭތައް ނަމާދުކުރުމުގައި ހޭދަކުރުމެވެ.
”އީމާންކަމާއިއެކު“ މީގެ މާނައަކީ، ﷲތަޢާލާ ވަޢުދުވެވޮޑިގަންނަވާފައިވާ ދަރުމައަށް އީމާންވުމެވެ.
”އަދި ދަރުމަ ލިބޭނެކަމުގެ އުއްމީދުކުރާ ޙާލު“ މީގެ މާނައަކީ، ދަރުމައަށް އެދުމާއި އަދި އިތުރު އެއްވެސް ނިޔަތެއް ނެތުމެވެ. އޭގެ ތެރޭގައި ދެއްކުން ތެރިކަން ފަދަ ކަންތަކެވެ.
”އިސްވެދިޔަ ފާފަތައް ފޮހެވިގެން ދާނެއެވެ.“: - އިބްން އަލް-މުންޒިރު ޔަޤީންކުރައްވަނީ މީގެ ތެރޭގައި ބޮޑެތި ފާފައާއި ކުދި ފާފަތައް ހިމެނޭ ކަމުގައެވެ. ނަމަވެސް އައް-ނަވަވީ ވިދާޅުވިއެވެ. ”ފުޤަހާއިންގެ ތެރޭގައި އެނގިފައިވާ ގޮތަކީ މި ޙަދީޘް ގައި އެކުލެވެނީ ހަމައެކަނި ކުދި ފާފަތަކެވެ. ބޮޑެތި ފާފަތަކެއް ނޫނެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވިއެވެ. ބޮޑެތި ފާފަތަކުގެ ބުރަ ކުޑަ ވެގެންދާނެ ކަމުގެ މާނަ ފަހަރެއްގައި ކުރެވިދާނެއެވެ. އޭގެ ސަބަބުން ކުދި ފާފަތައް ނެތިގެން ދާނެއެވެ.“ (ފަތުޙުލް ބާރީ.)
ތިންވަނައަށް:
ރޯދަމަހުގެ އެހެން ދުވަސްތަކާއި ޚިލާފަށް އެމަހުގެ ފަހު ދިހައިގެ ރޭތަކުގައި އިތުރަށް އަޅުކަމުގައި ހޭދަކުރުމަށް މުއުމިނު އަޅާ ގަދައަޅާ މަސައްކަތް ކުރަންޖެހޭނެއެވެ. އެހެނީ މިރޭތަކުގައި ލައިލަތުލް ޤަދްރި ހިމެނޭތީއެވެ. އެ ރެއާއި ބެހޭގޮތުން ﷲތަޢާލާ ވަހީކުރެއްވިއެވެ.
لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ (٣)
ލައިލަތުލް ޤަދްރިގެ ރޭ، އެއްހާސް މައްސަރައްވުރެ ހެޔޮކަން ބޮޑެވެ. (ޤަދްރު 3)
މިރޭގެ އަޅުކަމުގެ މާތްކަމާއި ގުޅޭގޮތުން ނަބިއްޔާ (صلى الله عليه وسلم) މިފަދައިން ޙަދީޘް ކުރެއްވިކަމަށް ރިވާވެގެންވެއެވެ. ”އީމާންކަމާއި ދަރުމައަށް އުއްމީދުކުރާ ޙާލު ލައިލަތުލް-ޤަދުރުގެ ރޭ އަޅުކަމުގައި ހޭދަކޮށްފިމީހެއްގެ އިސްވެދިޔަ ފާފަތައް ފޮހެވިގެންދާނެއެވެ.“ ރިވާކުރެއްވީ އަލް-ބުޚާރީ، 1768، އަދި މުސްލިމްގެ 1268 ގައެވެ.
އެހެންކަމުން، ނަބިއްޔާ(صلى الله عليه وسلم) ރޯދަމަހުގެ އެހެން ރޭތަކާއި ތަފާތުކޮށް ފަހު ދިހައިގެ ރޭތަކުގައި އަޅުކަމުގައި އިތުރަށް ގަދައަޅާ މަސައްކަތް ކުރައްވައެވެ.
ރިވާކުރެއްވީ މުސްލިމް 1175
އަލް-ބުޚާރީ (2024) އަދި މުސްލިމް(1174) ގައި ޢާއިޝާ (رضي الله عنها) މިފަދައިން ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. ”ފަހު ދިހައިގެ ރޭތައް ފެށުމުން، ނަބިއްޔާ( صلى الله عليه وسلم) އެކަލޭގެފާނުގެ އިޒާރުކޮޅު ބަންނަވައެވެ. އަދި ރޭގަނޑު ހޭލާ ހުންނަވައެވެ. އަދި އެކަލޭގެފާނު ޢާއިލާ ނަންގަވައެވެ.“
”ފަހު ދިހައިގެ ދުވަސްތައް“ މާނައަކީ ރޯދަމަހުގެ ފަހު ދިހައިގެ ރޭތަކެވެ.
”އެކަލޭގެފާނުގެ އިޒާރުކޮޅު ބަންނަވައެވެ.“ މިބަސްފުޅުގެ މުރާދަކީ، އަޅުކަމުގައި ގަދައަޅާ މަސައްކަތް ކުރުމާއި، ނުވަތަ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ދުރުވެވަޑައިގެންނެވުމެވެ. އަދި މީގައި މިދެމާނަވެސް އެކުލެވިދާނެއެވެ.
”ރޭގަނޑުގައި ހޭލާ ހުންނެވުން“ މާނައަކީ، ހޭލާ ހުންނަވާ ނަމާދުކުރައްވާ އެހެން އަޅުކަންތައް ކުރެއްވުމެވެ.
”އަދި އެކަލޭގެފާނުގެ ޢާއިލާ ނަންގަވައެވެ.“ މާނައަކީ، ރޭގަނޑުގައި އަޅުކަން ކުރެއްވުމަށްޓަކައި އެކަލޭގެފާނުގެ ޢާއިލާ ނިދިން ނަންގަވައެވެ.
އައް-ނަވަވީ (رحمه الله) ވިދާޅުވިއެވެ:
މިޙަދީޘް އިން އަންގައިދެނީ، ރޯދަމަހުގެ ފަހުދިހައިގެ ރޭތަކުގައި އިތުރަށް އަޅުކަން ކުރުމާއި އަޅުކަން ކުރުމަށްޓަކައި އެރޭ ހޭލާ ހުރުމަކީ މުސްތަޙައްބު ކަމެއް ކަމެވެ.
މިޙަދީޘް އިން އަންގައިދެނީ، ރޯދަމަހުގެ ފަހުދިހައިގެ ރޭތަކުގައި އިތުރަށް އަޅުކަން ކުރުމާއި އަޅުކަން ކުރުމަށްޓަކައި އެރޭ ހޭލާ ހުރުމަކީ މުސްތަޙައްބު ކަމެއް ކަމެވެ.
ހަތަރު ވަނަ ކަމަކަށް:
ރޯދަމަހުގައި ރޭއަޅުކަން ޖަމާޢަތުގައި ކުރުމަށް އަހަރެމެން އެދެންޖެހޭނެއެވެ. އަދި އިމާމް މީހާ ނަމާދުކޮށް އަވަދި ވަންދެން އިމާމް މީހާއާއިއެކުގައި ނަމާދުކުރަން މަޑުކުރުމެވެ. މިހެން ވުމުން، އަޅުކަން ކުރާ މީހާއަށް މުޅި ރޭގައި އަޅުކަން ކުރުމުގެ ދަރުމަ ލިބޭނެއެވެ. އަދި އެއީ ރޭގަނޑުގެ ކުޑަވަގުތުކޮޅެއްގައި ނަމާދުގައި އޭނާ ހޭދަކުރި ކަމުގައި ވިޔަސްމެއެވެ. އަދި ﷲއީ މަތިވެރި ދަރުމައިގެ ވެރި އިލާހެވެ.
އައް-ނަވަވީ ވިދާޅުވިއެވެ. ”ތަރާވީޙް ނަމާދުކުރުމަކީ މުސްތަހައްބު ކަމެއްކަމަށް ޢިލްމުވެރިން ވަނީ އެއްބަސްވެ ވަޑައިގެންފައެވެ. ނަމަވެސް އެބޭފުޅުން ތަފާތުވެވަޑައިގަތްކަމަކީ، މީހަކު އޭނާގެ ގޭގައި އެކަނި ނަމާދު ކުރުންތޯ އެންމެ ހެޔޮ ގޮތަކީ ނުވަތަ މިސްކިތުގައި ޖަމާޢަތުގައި ކުރުންތޯ އެންމެ ހެޔޮގޮތީ، މިކަމާއި މެދުގައެވެ. އައް-ޝާފިޢީ އަދި އެކަލޭގެފާނުގެ ގިނަ އަޞްޙާބުން، އަބޫ ޙަނީފާ، އަޙްމަދު އަދި މާލިކީންގެ ބައެއް ބޭފުޅުންނާއި އަދި އެހެނިހެން ބޭފުޅުން ވިދާޅުވެލައްވާ ގޮތުގައި ޖަމާޢަތުގައި ނަމާދުކުރުމަކީ އެންމެ ހެޔޮ ގޮތެވެ. އެހެނީ، ޢުމަރު (رضي الله عنه) އާއި އެހެނިހެން ޞަޙާބީން އެގޮތަށް ކަންތައް ކުރެއްވިއެވެ. އަދި މުސްލިމުން އެގޮތަށް ކަންތައް ކުރެއްވިއެވެ.“
އައް-ތިރްމިޒީ (806) ރިވާކުރެއްވިއެވެ. އަބޫ ޒައްރު ވިދާޅުވިއެވެ. ނަބިއްޔާ (صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ. ”އިމާމް މީހާ ނަމާދުކޮށް ނިމެންދެން އޭނާއާއިއެކުގައި ނަމާދުކޮށްފި ކޮންމެ މީހަކަށް މުޅި ރޭގައި އަޅުކަން ކުރުމުގައި ހޭދަކުރި ކަމަށް ލިޔެވޭނެއެވެ.“
ޞައްޙަ ކަމަށް އަލްބާނީ ނިންމަވާފައި.
އަދި ﷲމޮޅަށް ދެނެވޮޑިގެންވެއެވެ.
No comments:
Post a Comment