Monday, August 22, 2011

ރޯދަ ކުރުކުރުން... މައްސަލައެއްނޫނެވެ

 ރޯދަ ކުރުކުރުން... މައްސަލައެއްނޫނެވެ!...
އަލްއަޚް ޝަފީޢު ޢަބްދުﷲ
އާދެ، ހައިރާންވެ ނުލައްވާށެވެ. ސުރުޙީ އެ އޮތީ ރަނގަޅަށެވެ. އަޅުގަނޑު ލިޔުނުގޮތަށެވެ. ވިދާޅުވަމުން ކުރިޔަށް ވަޑައިގަންނަވާށެވެ. އޭރު އެކަން އިތުރަށް ޔަޤީންވެގެން ހިނގައިދާނެއެވެ.

އާދެ، ރޯދަ ކުރުކުރުމޭ ބުނެވެނީ ރޯދަހިފައިގެން ހުރެ ކޮންމެވެސް ކަމެއްގައި މަޝްޣޫލުވެ ހުރެ އެދުވަހުގެ ވަޤުތު ދުއްވާލުމަށެވެ. އެގޮތުން، އެކި މީހުން އެކިއެކި ކަންތައްކޮށް އުޅެއެވެ. މިގޮތުން ޓީވީއާއި ބައެއް ރޭޑިޔޯ ޗެނެލްތައް ވަނީ މިކަމުގައި ވަރަށް ކުރިއަރައިގެން ގޮސްފައެވެ. އެޕިކަޕުން މިޕިކަޕަށެވެ. ރަތް ލޮރީން ނޫ ލޮރީ އަށެވެ. ލަވަޔާއި މިޔުޒިކުގައެވެ. ޒާމާނަށް އައި ބަދަލާއެކު ފޭސްބުކު ކަހަލަ ސޯޝަލް ނެޓްވޯކިންގް ވެބްސައިޓްތަކަށްވެސް ލިބޭ ތަރުހީބު ކުޑައެއްނޫނެވެ. ތެދެކެވެ. ވަޤުތު ދާގޮތް ބުނެދޭން ނޭނގޭހާވެސް "ފާސްޓެ"ވެ. ރޯދަ ވަރަށްވެސް ކުރެވެ.
ލޮބުވެތި އަޙުންނާއި އުޚުތުންނޭވެ. މިރޯދަމަހުގެ މަތިވެރިކަމުގެ ވާހާކަ އަޅުގަޑުވާނީ ކޮންމެވެސް އެހެން ލިޔުމެއްގައި ވަރަށް ތަފްޞީލުކޮށް ލިޔެ ބަޔާންކޮށްދީފައެވެ. އެހެންކަމުން، ކުރުގޮތަކަށް އެކަމަށް ޢިޝާރާތްކޮށްލާނަމެވެ. މިއުއްމަތުގެ ސަލަފުއް ޞާލިހުން މި މަސް އައުމުގެ 6 މަސްކުރިން މި މަސް ލިބޭތޯ މާތްﷲ ޙަޟްރަތުގައި ދުޢާ ދަންނަވާ އުޅެތެވެ. އޭގެ ކުރިން އެމީހުންގެ މަރު ނުހިއްޕެވުމަށެވެ. ސުވާލަކީ އަޅުގަޑުމެންނަށް އެގޮތަށް އިޙްސާސްކުނުރެވެނީ ކީއްވެގެންތޯއެވެ. މިމަސް އަޅުގަޑުމެންނާ ބައްދަލުކުރުމުން އުފާނުވަނީ ކީއްވެގެންތޯއެވެ. ޖަވާބު ވަރަށް ސާފެވެ. އީމާންތެރިކަން ބަލިކަށީއެވެ. ފާފަތަކުން ތަތްތެޅި ހިތުގައިވަނީ ފަރުދާއެއްލެވިފައެވެ. ހެޔޮކަންތައް ކުރުމަށް ހިތް ނޭދެއެވެ. ބުރައީއެވެ.

އާދެ، ރޯދަކުރުކުރުން އެއީ މައްސަލެއްނޫންކަމަށް އަޅުގަޑަށްވާނީ ދެންނެވިފައެވެ. އެހެންކަމުން އެކަން ޡާބިތު ކޮށްދޭންވެސް ޖެހޭނެއެވެ. ކުރިން ދެންނެވި ފަދައިން، ރޯދަކުރުކުރުމަކީ ކަމެއްގައި ވަޤުތު މަޝްޣޫލުކޮށްގެން ވަޤުތުނަގާލުމެވެ. ނަމަވެސް، ލަވަޔާއި މިޔުޒިކަކީ ޙަރާމް އެއްޗެކެވެ. އެޕިކަޕުން މިޕިކަޕަށް ދިޔުމަކީ ރަގަޅުކަމެކޭވެސް ދެންނެވޭކަށް ނެތެވެ. މިމަހުގެ ހުރުމަތަށް ބަލާފައެވެ. މި މަހުގެ މިވަޤުތަކީ އަގުނުކުރެވޭފަދަ ބޮޑު ނިޢްމަތަކަށްވުމުން، އެކަމަށް ރިއާޔަތްކުރުމަށްފަހުއެވެ.

އެހެންނަމަވެސް، ރޯދަ ކުރު ކުރެވިދާނެއެވެ. އެކަން ތިބާއަށް ރަގަޅުގޮތުގައި ކުރަން އެނގޭކަމުގައި ވަނީނަމައެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކަށް އަލިއަޅުވާލާނަމެވެ.
1- ޤުރުއާން ކިޔެވުން: މި މަހަކީ ޤުރުއާން ބާވައިލެއްވުނު މައްސަރެވެ. އެހެންކަމުން ތިބާ މި މަހުގެ ކޮންމެ ދުވަހަކު ރޯދަކުރުކުރަން ކިޔަވާނެ މިންވަރެއް ކަނޑައަޅާށެވެ. ދުވާލަކަށް މަދުވެގެން ޖުޒުއެއް ކިޔަވަން އަޒުމު ކަނޑައަޅާށެވެ. އޭރުން ރޯދަމަސް ނިމޭއިރަށް ޚަތިމެއްކުރެވޭނެއެވެ. ރޯދަމަހުގައި ޙަތިމެއް ކުރުމަކީ ވާޖިބެއްނޫނެވެ. ނަމަވެސް ވަރަށް މުސްތަޙައްބު ކަމެކެވެ. މަދުވެގެން ޙަތިމެއް ނުކުރެވިއްޖެނަމަ، ރޯދަމަހުގެ ބަރަކާތަށް އެދިގެން ޤުރުއާން ކިޔަވާ އުޅުނު މީހެކޭ ބުނަން އަޅުގަޑަށް ވަރަށް އުނދަގުލެެވެ.

2- ރޯދަކުރުކުރަން ކުރެވިދާނެ ދެވަނަ ކަމަކީ، ދީނީ ފޮތްތައް ކިޔުމެވެ. އަދި ދީނީ ދަރުސްތައް އަޑުއެހުމެވެ. މާޒީގެ ދަރުސްތަކާއި މިހާރުގެ ދަރުސްތައް ވަރަށް ގިނަ ތަންތަނުން ލިބެންހުންނާނެއެވެ.  މިކަންކުރަންވީ ތިމާގެ ޖާހިލުކަން ފިލުވާލުމަށެވެ. އެހެންކަމުން، ރޯދަމަހާއި ގުޅޫ ލިޔުންތައް ކިޔާށެވެ. އަދި އެކަމަށް ޙާއްޞަ ދަރުސްތައް އިސްކަންދޭށެވެ. މޫސުމީގޮތުންނެވެ. އޭރުން ތިމާގެ ރޯދައިގެ ފިޤުހު އިތުރުވާނެއެވެ. އަދި އަހުލުންނަށް އެނގޭ އެއްޗެހި ބުނެދޭށެވެ. އޭރު ސިނކުޑީގައި ހަރުލާނެއެވެ.

3- މައިންބަފައިންނަށް ކަމޭހިތުން؛ ޙާއްޞަކޮށް މައިންބަފައިންނާއި ވަކިން އުޅޭނަމަ އެމީހުންނަށް ޒިޔާރަތް ކުރަންވާނެއެވެ. އެމީހުންނަށް އެދުވަހަށް ބޭނުންވާ ބާޒާރުކޮށްދޭށެވެ. ރީތިބަހުން އެމީހުންނާ ވާހަކަދައްކާށެވެ. އެމީހުންނާ އެކު ކޮންމެ ދުވަހުކުވެސް ވަޤުތުކޮޅެއް ހޭދަކުރުން ވަރަށް މުހިންމެވެ. މާތްﷲ ގެ ރުއްސެވުން އިންތިހާއަށް ލިބޭނެއެވެ. ރޯދާއިގެ ޘަވާބާއި ދަރުމަ އިތުރުވާނެއެވެ. އެހެނީ މާތްﷲ އަށް އަޅުކަންކުރުމަށްފަހު މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް ޤުރުއާނުގައި ވަނީ ވަރަށް ބޮޑަށް އަމުރުކުރައްވާފައެވެ. މިއީ ކުޑަކަމެއް ނޫނެވެ. މިއީ ވަރަށް ބޮޑުކަމެކެވެ. އެއްވެސް އެއްޗެއްގެ ފައިދާ އިންސާނައަށް ނުކުރާނެ ދުވަހުން މިކަމުގެ ހެޔޮކަން އަދި ބޮޑުކަން ފެނި ހާމަވެގެން ދާނެއެވެ. އެދަވަހަކުން، އާދެ ޤިޔާމަތްދުވަހުން ހިތަށްއަރާނެއެވެ. މުޅި އުމުރު މި މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގައި ހޭދަކުރެވުނު ނަމަހީއެވެ. އެހާވެސް ކަމުގެ މަތިވެރިކަން ބޮޑެވެ. އެހެންކަމުން، މި އަށްވުރެ ވަކި ރޯދަކުރުކުރާނެ މޮޅު ގޮތެއް އޮވެދާނެތޯއެވެ.

 4- ޢާއިލީ ގޭގެއަށް ޒިޔާރަތްކުރުން؛ މިއީ އާދާއިގެ ކަމެއްގެ ގޮތުގައި ނުބަލާށެވެ. މިއީ ވަރަށް މަތިވެރި ކަމެކެވެ. އެހެނީ، ރަޙިމުގެ ގުޅުމާއި ގާތްތިމާގެ ކަމުގެ ގުޅުމަކީ ވަރަށް ބޮޑަށް އެއަށް ފަރުވާތެރިވުމަށް މާތްﷲ އަމުރުކުރައްވާ ބާރުއަޅުއްވާފައިވާ ކަމެކެވެ. މީގެ ތެރޭގައި އަވަށްޓެރީންވެސް ހިމެނެއެވެ. އެހެންކަމުން، ތިބާއަށް ހުސްވަޤުތެއް ލިބި ރޯދަކުރުކުރާ ހިތްވެއްޖެނަމަ، އެގޭގެތަކަށް ޒިޔާރަތްކޮށްލާށެވެ. މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން މިކަމުގެ ސަބަބުން ތިބާއަށް މިންވަރުވެދާނެއެވެ. ރޯދާގެ ޡަވާބާއި ދަރުމަ އެތައް ގުނައަކަށް މިކަމުގެ ސަބަބުން އިތުރުވެގެން ހިނގައިދާނެއެވެ. އަދި އެމީހުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ހިނގައިދާނެއެވެ. ނަމަވެސް، ބޭކާރުވާހަކަތައް ދެއްކުމުގައި މިފުރުޞަތު ނަގައިލައިގެން ނުވާނެއެވެ. މި ދީނުގެ މަތިވެރިކަމާއި ރޯދާއިގެ މަތިވެރިކަމުގެ ވާހާކަ އެމީހުންނަށް ގިނަގިނައިން ހަނދާންކޮށްދޭށެވެ.

5- ރަވާތިބު ސުންނަތްތައް ކުރުން؛ އާދެ، ރަވާތިބު ސުންނަތޭ މިކިޔާ ސުންނަތް އަޅުގަނޑު ހިތުން ނޭނގޭ މީހެއް ނުހުންނާނެއެވެ. އެއީ ފަތިސް ނަމާދުގެ އިހު ދެރަކުޢަތް، މެންދުރު ނަމާދުގެ އިހު ހަތަރު ރަކުޢަތް އަދި އެނަމާދުގެ ފަހު ދެ ރަކުޢަތް، މަޣްރިބް ނަމާދުގެ ފަހު ދެ ރަކުޢަތް އަދި ޢިޝާ ނަމާދުގެ ފަހު ދެ ރަކުޢަތެވެ. އެހެންކަމުން، މިއީ ވަރަށް ސުންނަތްކަން ގަދަ ނަމާދުތަކެކެވެ. އެކަމުގެ މާތްކަމާބެހޭގޮތުން ވަރަށް ގިނަ ޙަދީޡްތައް ވާރިދުވެފަ ހުރި ނަމާދުތަކެކެވެ. އެހެންކަމުން، ރޯދަކުރުކުރުމަށް މިއީ ވަރަށް ފައްކާ ޕޮރްގުރާމަކަށް ވެގެން ދާނެއެވެ. އެއްވެސް ރާތިބު ސުންނަތެއް ދޫކޮށްނުލުމަށް އަޒުމު ކަނޑައަޅުއްވާށެވެ. ޡާބިތުވެއްލައްވާށެވެ.

6- ރޯދަ ވީއްލުން ދިނުން: ތިބާގެ ތަނަވަސްކަން ހުރި މިންވަރަކުން މިކަން ކުރެވިދާނެއެވެ. ގެއަށް ގާތްތިމާގެ މީހުންނާއި ރަށްޓެހީންނަށް ދަޢުތު ދެވިދާނެއެވެ. އެހެންނޫންނަމަ، ގެ ކައިރި މިސްކިތަށްވެސް އެމިސްކިތަށްދާ މީހުން ރޯދާވީއްލަން ކަދުރު ކޮޅެއް ޞަދަޤާތް ކުރެވިދާނެއެވެ. މިއީ ވަރަށް މަތިވެރި ކަމެކެވެ. އެހެނީ، ތިބާ ދޭ އެންމެ ކަދުރު އޮށަކުން ރޯދަވީއްލާ މީހާއަށް ލިބޭ ޡަވާބާއި ދަރުމަ، އޭނައަށް އެއްވެސް އުނިވުމެއްނެތި، ތިބާއަށްވެސް ލިބިގެންދާނެތީއެވެ.


އަދިވެސް، ރަމަޟާންމަހުގައި ރޯދަކުރުކުރަން ކުރެވިދާނެ ބައިވަރު ކަންތައްތައް ހުންނާނެކަމީ ޝައްކެތްހުރި ކަމެއްނޫނެވެ. ތިބާގެ މިއަށްވުރެ މޮޅެތި އައިޑިޔާތައް ހުރުން އަކަށީގެންވެއެވެ. އެހެންކަމުން، ސިނކުޑީގަ އައިޑިޔާތައް ނުބާއްވާށެވެ. ޢަމަލީގޮތުން ދައްކާށެވެ. އަދި މާތްﷲ ރުއްސަވާ އަދި ފުއްސަވާ ކަންތަކުގައި ރޯދަ ކުރުކޮށްލައްވާށެވެ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...