Saturday, August 20, 2011

ރޯދައިގެ ވަޞިއްޔަތް - ފަހުދިހައެއް


ރޯދައިގެ ވަޞިއްޔަތް - ފަހުދިހައެއް
އައްޝައިޚު ޙަސަން މޫސާ ފިކުރީ

ރަމަޟާންމަހުގެ ހުރިހާ ދުވަސްތަކަކާއި ރޭތަކަކީވެސް އަޅުކަމާއި ހެޔޮކަމުގެ ދުވަސްތަކަކާއި ރޭތަކަކެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ރަމަޟާންމަހުގެ ފުރަތަމަ ދުވަސްތަކުގައި މިސްކިތުގެ ޖަމާޢަތަށްދިޔުމާއި ތަރާވީޙު ނަމާދަށް ދިޔުމުގައި ބެހެއްޓި ފޯރި ، ރަމަޟާންމަސް ނިމެގެން ދިޔަ ދިޔަހެން މިފެންނަނީ އެފޯރިވެސް ކެޑިގެން ނެތެމުން ދާތަނެވެ.

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހެޔޮކަމުގައި އެންމެ ހީވާގިވެލައްވާ މައްސަރަކީ ރަމަޟާންމަހެވެ. އެކަލޭގެފާނަކީ އަހަރުގެ ހުރިހާ ދުވަސްތަކެއްގައިވެސް ހެޔޮކަމުގައި މަޝްޣޫލުވެލައްވާ ބޭކަލެކެވެ. ފައިންޕުޅު ދުޅަވަންދެން ދަމުނަމާދު ކުރެއްވުމުގައި ހުންނަވާކަމަށް ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު އެންމެބޮޑަށް އަޅުކަމުގައި ހީވާގިވެލައްވަނީ ރަމަޟާންމަހުގެ ފަހުދިހައެއްގައެވެ.
ފަހު ދިހައެއްގައި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅުތައް ބަހައްޓަވާ ގޮތަށް ބަލައިލަމާތޯއެވެ؟

އެކެއް: އަޅުކަން ކުރެއްވުމުގައި އިހުނަށްވުރެ ގަދައަޅައި މަސައްކަތްޕުޅު ކުރެއްވުމުން.
ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢައިހި ވަސައްލަމަ އެހެން އެއްވެސް ދުވަސްވަރެއްގައި ނުކުރައްވާވަރަށް، ރަމަޟާންމަހުގެ ފަހު ދިހައެއްގައި ގަދައަޅުއްވައި ހެޔޮކަމުގައި ދެމިހުންނަވައެވެ.

عَنْ عَائِشَةَ - رضى الله عنها - قَالَتْ كَانَ رَسُولُ اللَّهِ -صلى الله عليه وسلم- إِذَا دَخَلَ الْعَشْرُ أَحْيَا اللَّيْلَ وَأَيْقَظَ أَهْلَهُ وَجَدَّ وَشَدَّ الْمِئْزَرَ. – متفق عليه މާނައީ: ޢާއިޝާ ރަޟިޔަ ﷲ ޢަންހާ ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ – ރަމަޟާންމަހުގެ ފަހުދިހައެއް އައުމުން އެރޭތައް އިޙްޔާކުރައްވައެވެ. އަދި އެކަލޭގެފާނުގެ ގެކޮޅުގެ އަހުލުވެރިން ހޭލައްވައެވެ. އަދި ގަދައަޅުވައި ހެޔޮކަމުގައި މަޝްޣޫލުވެލައްވައެވެ. އަދި ކަމަރު ބަދެލައްވައެވެ.

މިބަސްފުޅުގައިވާ جَدَّ ގެ މާނައަކީ ހެޔޮކަމުގައި ގަދައަޅުވައި މަސައްކަތްޕުޅު ކުރެއްވުމެވެ. އެއީ ކަންނެތްކަމާއި ފޫހިވުން ފިލުވައިލާ ހެޔޮކަމުގައި ތިމާއަށް ކުޅަދާނަވީ މިންވަރަކުން ދެމިހުރުމެވެ.

އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރަންވީ ކޮންކަމަކު ހެއްޔެވެ؟

الجد في الصلاة - ނަމާދު ކުރުމުގައި ހީވާގިވެ ގަދައަޅައި ދެމިހުރުމަށް މަސައްކަތް ކުރުން.
الجد في القراءة القرآنގިނަގިނައިން ޤުރްއާން ކިޔެވުމުގައި ގަދައަޅައި މަސައްކަތް ކުރުން.
الجد في الذكر - މާތް ﷲ ޛިކުރު ކުރުން މަތީގައި ދެމިހުރުމަށް ގަދައަޅައި މަސައްކަތްކުރުން، އަދި ދުޢާކުރުން ގިނަކުރުން.
الجد في العلم والتعلم - ޢިލްމު އުނގަންނައި ދިނުމުގައާއި އުނގެނި ދަސްކުރުމުގައި ގަދައަޅައި މަސައްކަތް ކުރުން.
އަދި މިނޫންނަސް ހެޔޮކަމުގެ ބާބުގައި ކުރެވެން ހުރި ހުރިހާ ކަމެއްގައި ދެމިހުރުމަށް ގަދައަޅައި މަސައްކަތް ކުރުން.

ދޭއް: ފަހުދިހައެއްގެ ރޭތަށް އިޙްޔާކުރުން.
އިސްވެ  ބަޔާންކުރެވުނު ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ ބަސްފުޅުން ދޭހަވާ ގޮތުގައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ރަމަޟާންމަހުގެ ފަހުދިހައެއްގެ ރޭތައް އިޙްޔާ ކުރައްވައެވެ. އެބަސްފުޅުގައިވަނީ މިފަދައިންނެވެ. أَحْيَا اللَّيْلَ - ރޭ އިޙްޔާ ކުރައްވައެވެ. މިބަސްފުޅުގެ މުރާދުގައި އިބްނު ޙަޖަރު ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. "އެރޭތަކުގައި އަޅުކަން ކުރެއްވުމަށް ހޭލާ ހުންނަވައެވެ." އެބަހުގެ މުރާދަކީ އެ ރޭތަކުގައި ނަމާދު ކުރެއްވުމަށާއި ރޭ އަޅުކަން ކުރެއްވުމުގައިއާއި ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވުމުގައި މުޅި ރޭގަނޑުގެ ވަގުތައް ހޭދަކުރެއްވުން ކަމުގައިވެސް ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ.

ތިނެއް: ލައިލަތުލް ޤަދްރި ވިލޭރޭ ހޯދެއްވުމަށް މަސައްކަތް ކުރެއްވުން.
ލައިލަތުލް ޤަދްރި ވިލޭރޭގެ މާތްކަމާއި މަތިވެރިންކަން ބޮޑުވެގެންވެއެވެ. އެ ރެޔަކީ ކޮން ރެއެއްކަން ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް މާތް ﷲ ބަޔާންކޮށްދެއްވުމަށްފަހު، އެކަލޭގެފާނު ހަނދުމަނެތިގެން ދިޔައެވެ.

މިކަމަކީ އުއްމަތަށް ހުރި ރަޙްމަތެއް ކަމުގައި ޢިލްމުވެރިން ދެކެލައްވައެވެ. އެހެނީ ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނުގެ ހިދާޔަތަކީ ލައިލަތުލް ޤަދުރި ވިލޭރޭގެ މާތްކަމަށް އެދޭމީހާ ރަމަޟާންމަހުގެ ފަހު ދިހައެއްގެ ހުރިހާ ރޭތަކެއްގައި އަޅުކަން ކުރުމެވެ.

ހަތަރެއް: އަހުލުވެރިން އަޅުކަމަށް ނެންގެވުން.
ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ރަމަޟާންމަހުގެ ފަހު ދިހައެއްގައި އެކަލޭގެފާނުގެ ގެކޮޅުގެ އަހުލުވެރިންނަށް ގޮވައި ހޭލައްވައެވެ. ނަމާދުކޮށް އަޅުކަން ކުރުމަށް އަހުލުވެރިންނަށް ބާރުއަޅުއްވައެވެ. އެކަލޭގެފާނުގެ ހިދާޔަތުގައި ޘާބިތުވާން އެދޭމީހަކު، އެމީހެއްގެ އަނބިދަރިންނަށް ޚާއްޞަކަމެއް ދީ، އެމީހުންނަށް ނަމާދުކޮށް އަޅުކަން ކުރުމަށް ބާރުއެޅުން މުހިންމެވެ.

ފަހެއް: އިޢްތިކާފު ކުރެއްވުން.
ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَعْتَكِفُ الْعَشْرَ الْأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِرواه البخاري ومسلم
މާނައި: ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ދުނިޔެ ދޫކުރެއްވުމަށް ދާންދެން ކޮންމެ ރަމަޟާން މަހުގެ ފަހު ދިހައެއްގައި އިޢްތިކާފަށް އިންނަވައެވެ. އެކަލޭގެފާނަށްފަހުގައި އެކަލޭގެފާނުގެ އަނބިއަނބިކަބަލުން އެއަޅުކަމުގައި ދެމިތިއްބެވިއެވެ.

ހެޔޮކަމުގެ ދޮރުތައް ވަރަށްވެސް ގިނައެވެ. އެއިން ކޮންމެ މަގެއް ޚިޔާރުކުރިކަމުގައިވީނަމަވެސް މައްސަލައެއްނެތެވެ. މުހިންމުކަންދޭންވީ ފަހު ދިހައެއްގެ ހުރިހާ ވަގުތުތަކެއްގައި އަޅުކަމުގައި ދެމިހުރުމަށެވެ. މިފަދަ މަތިވެރި ރޭތަކެއްގެ ދަރުމަޔާއި ޘަވާބު އެދިގެން މަސައްކަތް ކުރެއްވުމަށް ވަޞިއްޔަތް ކުރަމެވެ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...