ކުށްހީ ކުރުމާއި ޖާސޫން ކުރުން

މާތް ﷲ ވަޙީކުރެއްވިއެވެ. ( يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلَا تَجَسَّسُوا ) ( ޙުޖުރާތު: 12) މާނައީ " އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަ ކުށްހީއާއި ދުރުވާށެވެ! ހަމަކަށަވަރުން ބައެއް ހީއަކީ ފާފައެވެ. އަދި ތިޔަބައިމީހުން ޖާސޫސް ނުކުރާށެވެ! "
އިސްވެދިޔަ މަތިވެރި އާޔަތުގައި އެވަނީ ގިނަ ކުށްހީތަކުން ދުރުވުމަށް އަމުރުކުރައްވާފައެވެ. އަދި އޭގެތެރެއިން ބައެއް ހީއަކީ ފާފަ ކަމުގައި އަންގަވާފައެވެ. އަދި ޖާސޫސްކުރުން ނަހީކުރައްވާފައެވެ. ޖާސޫސް ކުރުމަކީ މީސްތަކުންގެ ޢައިބުތައް ހޯދުމަށް ފާރަލައި ކަންކަން ކޮނެ ހޯދުމެވެ. އެކަން އެގޮތަށް ކުރަނީ މީހަކާމެދު ނުބައި އެއްޗެއް ހީކުރެވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. " إياكم والظن؛ فإن الظن أكذب الحديث، ولا تحسسوا، ولا تجسسوا، ولا تحاسدوا، ولا تباغضوا، ولا تدابروا، وكونوا عباد الله إخوانا " رواه البخاري (6064)، ومسلم (2563). މާނައީ " ތިޔަބައިމީހުން ހީތަކުން ދުރުވާހުށިކަމެވެ! ފަހެ ހީއަކީ އެންމެ ދޮގުބަހެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ކަންކަން ބަލަން ނޫޅޭށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ޙަސަދަވެރި ނުވާށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެރި ނުވާށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ފުރަގަސް ނުދޭށެވެ! އަދި ﷲ ގެ އަޅުންކަމުގައިވެ އަޚުންތަކެއްކަމުގައި ވާށެވެ! أمير المؤمنين عمر بن الخطاب رضي الله عنه: " ވިދާޅުވިއެވެ. " ولا تظنن بكلمة خرجت من أخيك المؤمن إلا خيراً، وأنت تجد لها في الخير محملا " ތިބާގެ މުއުމިނު އަޚާގެ ކިބައިން ބޭރުވެއްޖެ ކަލިމައަކާމެދު އެބަހުގައި ކިރިޔާވެސް ހެވެއް އެކުލެވިދާނެފަދަ މާނައެއް އޮތްހާ ހިނދަކު ހެޔޮގޮތަކަށް މެނުވީ ހީނުކުރާށެވެ! ( ابن كثير في تفسير آية سورة الحجرات.)













